logo

އެންސްޕާ ކާޑުގެ ކޮޕީއާނުލާވެސް ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށައެޅޭނެ

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރި ފަރާތްތަކުން ފޯމު ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ކޮންމެހެން ހުށަނާޅާ ފުލެޓަށް ފޯމު ހުށަހެޅޭނެ ކަމަށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގައި ހިމެނޭ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު ހޯމަ ދުވަހުގެ ރޭ 11:59އެއްގައި ހަމަވާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިޔާގެ ނަމުގައި އެޕްލިކޭޝަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެންސްޕާގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އެކަން ސާބިތުކުރުމަށް، އެންސްޕާއިން ދޫކުރާ ކާޑުގެ ކޮޕީ މިހާރު ހުށައަޅަން ނުޖެހޭނެކަމަށެވެ. އަދި އެލިޔުމާ ނުލާވެސް އެޕްލިކޭޝަން ބަލައިގަންނަކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

View post on Twitter

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފުރަތަމަ އާންމު ކުރި އުސޫލު އޮތްގޮތުން ޖެހެނީ ނުކުޅެދުންތެރިކަން ހުންނަ ބައިގައި ހަމައެކަނި ފާހަގައެއް ޖަހާށެވެ. މިދިޔަ ފެބުރުވަރީ މަހު އުސޫލަށް ގެނައި ބަދަލުގައި ވަނީ، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހުންނަށްކަމަށްވަނީ ބަޔާންކޮށްފައެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު، އެ ފަރާތައް ނުވަތަ އެފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއި، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމުގޮތެއްގައި މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާތީ، މާލެ ސަރަހައްދުން ވޭތުވެދިޔަ އެއް އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް އެ ކެޓަގަރީއަށް ހުށަހެޅޭނެއެވެ.

ad