މާލެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ހުޅުމާލޭގައި އިމާރާތްކުރާ މި ކޮމްޕްލެކްސްގެ ބިންގާ އެޅީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބިންގާ އަޅުއްވައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލް ޣަނީ މުޙައްމަދެވެ. އެ މަނިކުފާނުގެ އަރިހުގައި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރާއި، ބަންޑާރަނައިބާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރުގެ އިތުރުން އެމްޓީސީސީގެ މެނޭޖިންޑިރެކްޓަރު ބައިވެރިވެވަޑައިގަތެވެ.މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓުން ހިންގާ މި މަށްރޫޢުގެ ކޮންޓްރެކްޓަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު މިނިސްޓްރީން ސޮއިކޮށްފައިވަނީ 25 ޖުލައި 2026ގައެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ސެންޓްރަލް ޕާކާ އިންވެގެން އޮންނަ 29،490 އަކަފޫޓުގެ ސަރަހައްދެއްގައި ތަރައްގީކުރާ މި ކޮމްޕްލެކްސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 720 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެއީ 699.8 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
ހައުސިން މިނިސްޓްރީން ބުނީ ޖުމްލަ 14 ބުރިއަށް އިމާރާތްކުރާ މި އިމާރާތަކީ ހައިކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެއް ކަމަށެވެ.
މި މަޝްރޫއު ނިމުމުން ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށާއި އަދި ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކުރާ މި ކޮމްޕްލެކްސް ވެގެންދާނީ ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން ހިދުމަތް ހޯދާ އާންމުންނަށް ވެސް ފަސޭހަވާނެ އިންތިޒާމުތަކެއް ހިމެނޭ ތަނަކަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލޭގެ ކޯޓުތަކުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައި އޮންނަތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އެގޮތުން ގިނަ ކޯޓުތައް އެކި އިމާރާތްތަކުގައި ހިންގަމުން ދާއިރު، ޝަރުއީ ދާއިރާއަށް ހާއްސަވެފައި އޮތް ހަމައެކަނި އިމާރާތް ކަމަށްވާ ޖަސްޓިސް ބިލްޑިންގައި ވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑެވެ.
ޖަސްޓިސް ބިލްޑިންގައި ފެމިލީ ކޯޓުގެ ބައެއް ޑިވިޝަންތަކާއި ސިވިލް ކޯޓު ހިންގާއިރު، ޖުވެނައިލް ކޯޓު ހިންގަނީ އެހެން އިމާރާތެއްގަ އެވެ. އަދި ހައި ކޯޓު ހިންގަނީ ކުރީގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ތީމުގޭގެ ބައެއްގައެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު މިހާރު ވަގުތީ ގޮތުން ހިންގަނީ ހުޅުމާލޭގައި ކުރިން ބޭނުންކުރި ކޮވިޑް-19 ގެ ފެސިލިޓީއެއް މަރާމާތު ކުރުމަށްފަހު އެތަނުގައެވެ. ޝަރުއީ ދާއިރާގެ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.


