logo

މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1،100 ހެކްޓަރުގެ ބިން ހިއްކައިފި

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އިން ރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީއަކީ ގައުމެއްގެ ކުރިއެރުމުގެ އަސާސް ކަމަށާއި، މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދާއި ރަށްރަށުގައި ހައުސިން ޔުނިޓްތައް އެޅުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި 13 ރަށެއްގައި 900 އެއްހާ ހައުސިން ޔުނިޓާއި، މާލެ ސަރަހައްދުގައި 4،000 ފްލެޓްގެ އިތުރުން "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްގެ ދަށުން 2000 ޔުނިޓް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

އިންޑިއާގެ އެލްއޯސީގެ ދަށުން 4،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ޗައިނާ ސަރުކާރުގެ އެހީގައި 500 ފްލެޓް އެޅުމުގެ އިދާރީ މަސައްކަތްތައްވެސް ހިނގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހުޅުމާލެ ފޭސް ތިނެއް، ގިރާވަޅުފަޅު އަދި ގުޅީފަޅުން ބިން ހިއްކުމާއި ގޯތި ހަވާލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށާއި، ގޯތި ދޫކުރާނީ ބިން ހިއްކުމަށްފަހުކަމުގައިކަމަށް ރައީސް ވިދާޅުވިއެވެ.

ފަހިދިރުއުޅުން ކޯޕަރޭޝަނުން ހަދާ ފުލެޓްތަކުގެ މަސައްކަތް ނިންމައި، މީހުން ވަދެވޭވަރު ކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ފެށިގެންދާނެ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ad