ރަސްމާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކޮންމެހެން ހިންގަން މަޖްބޫރު މަޝްރޫއެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމް ވަޒީރާއި ސުވާލުކުރެއްވީ ގުޅިފަޅު ގިރާވަރުފަޅު ހުލުމާލެ ފޭސް 3 އާބާދުކުރުމުގެ މަސައްކަތް އޮތްއިރު، ރަސްމާލެ ޕްރޮޖެކްޓް އިސްކަމެއް ދީގެން ކުރިއަށްގެންދާ ސަބަބާ ގުޅޭގޮތުންނެވެ.
މިސުވާލަށް ޖަވާބުދެއްވަމުން ޑރ. މުއްތަލިބް ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެހެންކަމުން އެ މަޝްރޫއާއި އެެހެން މަޝްރޫތަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވިއެވެ. އެގޮތުން ރަސްމާލެ މަޝްރޫއު ސަރުކާރުން ކުރިއަށްގެންދިޔަނަމަވެސް، އެއާއެކުއެކީގައި ހުޅުމާލެ ފޭސް 3، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ މަސައްކަތްވެސް އިސްކަންދީގެން ކުރިއަށްގެންދަމުންދާކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެތަންތާނގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ ވީހާވެސް އަވަހަށް ޤާއިމުކޮށް ރައްޔިތުންނަށް ދިރުއުޅެވޭނެ މަގު ފަހިކޮށްދިނުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން މާލެ ސަރަހައްދުގައި ރައްޔިތުންނަށް ބޭނުންވާ ފްލެޓް އެޅުމަށްޓަކައި ބިމެއް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. ގްރޭޓާ މާލެ ސަރަހައްދުގައިވާ ހުރިހާ ތަނެއް އެއްކޮށްލައިގެން ވެސް އެންމެ ގިނަ އަދަދަކަށް ފްލެޓް އެޅޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 12،000 ފްލެޓް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު ހިއްކަމުންދާ ބިންތަކުން ރައްޔިތުންނަށް ގޯތި ބަހާފައި ހުރުމުން، ބޯހިޔާވެހިކަމުގެ ދަތިކަން ހައްލުކުރުމަށް ކޮންމެވެސް އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. މުސްތަގްބަލަށް ވިސްނައިގެން ޕްލޭން ވެސް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ 2023 ޑިސެމްބަރުގައެވެ. ބިން ހިއްކުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު 500 އަށްވުރެ ގިނަ ހެކްޓަރު ވަނީ ހިއްކާފައެވެ. ޖުމުލަ 1009 ހެކްޓަރުގެ ބިން އެތަނުން ހިއްކައެވެ. ރަސްމާލެ މަޝްރޫއުގެ ދަށުން 65،000 ގެދޮރު ޔަގީންކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ގުޅިފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ހިމެނޭހެން 8750 އަށްވުރެ ގިނަ ގޯތި ބިންވެރިޔާ ސްކީމުގައި މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވެއެވެ.

