logo

ޒިންމާދާރު ނޫސްވެރިކަމަށް ބާރުދޭ މާހައުލެއް ގާއިމުކުރުމަކީ މުހިންމު ކަމެއް: ފަސްޓް ލޭޑީ

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

އިންސާނީ ހައްގުތައް ހިޔާމަތްކުރުމަށް މިނިވަން ނޫސްވެރިކަން ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކޮރަޕްޝަން ހުއްޓުވުމުގައި ނޫސްވެރިކަަމުގެ ދައުރުގެ މުހިއްމުކަން ހަނދާންކުރަންޖެހޭ ކަމަށެވެ.

ސާޖިދާ އިތުރަށް ފާހަގަކުރެއްވީ ދިރުންހުރި ކުރިއަރަމުންދާ ޑިމޮކްރަސީއެއްގެ އަސާސްތައް ނެގެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ ދައުރު ބޮޑުކަމެވެ.

އަދި މިއަދަކީ ރާއްޖެގެ ނޫސްތަކާއި މިނިވަން ނޫސްވެރިންގެ ފަންނީ އަހުލާގީ މިންގަނޑުތަކާމެދު ފުންކޮށް ވިސްނަައިލަންޖެހޭ ދުވަހެއްގެ ގޮތުގައި ސިފަކުރައްވަމުން ސާޖިދާ ވިދާޅުވީ މިހާރަށްވުރެ ޒިންމާދާރު ފަންނުގެ އަސާސީ މަބްދައުތަކުގައި ހިފައްޓާ ނޫސްްވެރިކަމަށް ފަހި މާހައުލެއް ގާއިމުކުރަންޖެހޭ ކަމަށެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ އަސާސީ މަބްދައުތަކުގެ ތެރޭގައި ހަގީގަތް ހޯދުމާއި، ފަތުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، އަދުލުވެރިކަމާއި ވަކި އަތަކަށް ބުރަނުވުން ފަދަ ކަންކަން ހިމެނެއެވެ.

އަދި މުޖުތަމައުތަކަށް ބޭނުންވާ ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ނޫސްވެރިން ކުރާ މަސައްކަތް ފާހަގަކުރައްވައި ފަސްޓް ލޭޑީވަނީ ނޫސްވެރިންނަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.

ad