ހުޅުމާލެ ފޭސް ދޭގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓްތައް ހިމެނޭ ޓަވަރުތަކުގެ ބޭރަށް ކުނި އަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
ފުލެޓްތަކުގައި މިހާރު މީހުން ދިރިއުޅެމުންދާއިރު ޓަވަރުތަކުގެ ތިރިއަށް ކުނި އުކާލާފައި ހުންނަ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ޝަކުވާ އެތަނުގައި ދިރިއުޅެމުންދާ މީހުން ވެސް އަންނަނީ ކުރަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުވެސް އެފްޑީސީން ވަނީ ފްލެޓްތައް ކައިރީގައި ހުރި ކުނިތައް ސާފްކޮށްފައެވެ. އޭގެ ފަހުން ޖެހިގެން އައި ދުވަހު އެ ސަަރަހައްދު ހުރީ ގޮނޑުކޮށްފައެވެ. އަދި މިއަދުވެސް އެ ސަރަހައްދުގައި ގިނަ އަދަދަކަށް ކުނި ހުރީ ޖަމާކޮށްފައެވެ. ހޯމަ ވިލޭރޭ އަނެއްކާ އެފްޑީސީން ވަނީ އެ ސަރަހައްދު ސާފްކޮށްފައެވެ.
އެކަމާއި ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ދިރިއުޅޭ މާހައުލަށް މިގޮތަށް ކުނިއެޅުމަކީ އެކިއެކި ބަލިތަކަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ. އަދި މިއީ ދީނާއި ސަގާފަތާ ވެސް ބީރައްޓެހި ނާތަހުޒީބު އަމަލެއް ކަމަށްވެސް ވިދާޅުވިއެވެ.
އެފްޑީސީން މި ކުނިތައް ނައްތައިލި ކަމުގައިވިޔަސް، އެގްރިމެންޓުގައިވާ ގޮތާ ހިލާފަށް ކުނިއަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވަނީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާން ސާފު ވެއްޓެއް ގާއިމް ކުރެވޭނީ އެންމެެންގެ އެއްބާރުލުމާއި އެކުގައި ކަމަށްވެސް ވިދާޅުވެފައެވެ.

