ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ހުޅުވާލި ފުރުސަތުގައި، އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ސީޕީގެ މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކުރީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
އެ މަގާމަށް ކުރިމަތިލާން މި މަހުގެ ފަސް ވަނަ ދުވަހު ހުޅުވާލިއެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވައެވެ. އަދި އެކަމަށް އަލުން ހުޅުވާލި ފުރުޞަތުގެ ސުންގަޑި މިއަދަށް ވަނީ ހަމަވެފައެވެ. މުއްދަތު ހަމަވިއިރު އެ މަޤާމަށް 3 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު މުޙައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު ޢަބްދުﷲ ޝަރީފްއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެންމެފަހުން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ރިޓަޔަކުރެއްވުމުންނެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރިޓަޔަކުރެއްވުމާޢި ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއެވެ.
އޭރު ސީޕީ ކަމުގެ މަގާމަށް ނަވީންގެ އިތުރުން މިހާރު ކުރިމަތިލައްވާފައިވާ ފަރުހާދު ފިކުރީ އާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝަމީމް ވެސް ކުރިމަތިލެއްވިކަން ފާހަގަކޮށްލެވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާގޮތުން، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ، ޕޮލިސް ބޯޑުން އެ މަގާމަށް ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއުކޮށް، ގާބިލުކަން ވަޒަންކުރުމަށްފަހު ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

