logo

ފީއަލީ އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ނިޔާވެއްޖެ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެއެވެ.

ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 9:15 ހާއިރެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން ކައިރީގައި އަޅާފައިވާ އޮތް ތިން ދޯންޏެއްގައި އަލިފާން ރޯވެ، އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު ފަހުން އަލިފާން ނިއްވާލެވުނުއިރު، ހަތަރު ދޯނި ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

މި ހާދިސާގައި ފިހިފައިވަނީ އެ ރަށު ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ ޑެލޯވާ އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު އިއްޔެ ވަނީ ބަންގްލަދޭޝްއަށް ފޮނުވާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ފީއަލީ ފަޅުތެރޭގައި އޮތް ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ހުޅު ހިފައިގެންނެވެ. ނިލަންދޫ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާ މާލެ ފޮނުވާލިއިރު ހަށިގަނޑުގެ 60 އިންސައްތަ އޮތީ އަލިފާނުގެ ސަބަބުން ފިހިފައެވެ.

ތިން ގަޑިއިރަށް ދެމިގެންދިޔަ މި އަލިފާނުގެ ހާދިސާގައި ތެޔޮ އުފުލާ ދޯނީގެ އިތުރުން ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏަކާއި ރަށުގެ އައިސްޕްލާންޓް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން ބަނދަރުގައި އޮތް އާ ފައިބަރު ދޯންޏަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ad