logo

ކުރީގެ އުޅަނދުގެ ބަދަލުގައި އައު އުޅަނދެއް ރަޖިސްޓްރީ ކުރެވޭ ގޮތައް ގަވާއިދަށް އިސްލާހު ގެނެސްފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ވިޔަފާރީގެ ބޭނުމަށް އެތެރެކޮށް ބޭނުންކުރަމުންދާ ކުރީގެ އުޅަނދުގެ ބަދަލުގައި އައު އުޅަނދެއް ރެޖިސްޓްރީ ކުރެވޭ ގޮތަށް އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން އާއްމުކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ގެނައި އަށް ވަނަ އިސްލާހަކީ ގަވައިދުގެ ހަތަރު ވަނަ މާއްދާގައި ހިމެނޭ ރަޖިސްޓަރީކުރުމުގެ ބައިގެ ރ. ގެ ފަހަތަށް އަކުރެއް އިތުރުކުރުމެވެ.

އިތުރުކުރި ރ (1) ގައި ބުނީ ރ. ގައި އެގޮތަށް އޮތް ނަމަވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި އެހެން އުޅަނދެއް އެ ވިޔަފާރީގެ ނަމުގައި ރަޖިސްޓަރީކުރަން ބޭނުންވެއްޖެ ނަމަ، ލިޔެކިޔުން ހުށަހެޅުމަކާ ނުލާ އެ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭނެ ކަމަށެވެ.

އެކަމަކު އެގޮތަށް ރަޖިސްޓަރީ ކޮށްދޭނީ އެ ވިޔަފާރިއަކުން ބޭނުންކުރަމުން އައި އުޅަނދު ނައްތާލުމަށް ފަހުގަ އެވެ. ނައްތާލެވޭ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނަށް އާ އުޅަނދު ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތުގައި ޝަރުތުތަކެއް ފުރިހަމަވާން ޖެހެ އެވެ. މި ޝަރުތު ތަކުގެ ތެރޭގައި، ކުރީގެ އުޅަނދު ނައްތާލިކަމުގެ ލިޔުމެއް ހުށަހެޅުމާއި، ނައްތާލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވުމާއި އުޅަނދު ނައްތާލުމާ ހަމައަށް ބޭނުންކުރަމުން އައިސްފައިވާ އުޅަނދަކަށް ވުމާއި އަދި ނައްތާލެވޭ އުޅަނދަކީ ފާއިތުވި ފަސް އަހަރު އެ އުޅަނދުގެ އަހަރީ ފީ ގަވާއިދުން ދައްކަމުން އައި އުޅަނދަކަށްވުން ހިމެނެއެވެ.

ad