ސަރުކާރުގެ ޝޯޝަލް ހައުސިން ސްކީމް "ބޯހިޔާވަހިކަން އެންމެންނަށް" ހައުސިން ސްކީމުގެ ދަށުން އެންމެ ނިކަމަތި ހާލުގައި އުޅޭ ފަރާތްތަކަށް ފްލެޓް ދިނުމުގައި އިސްކަން ދިނުމުގެ ގޮތުން އެެފަދަ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ 1190 ޔުނިޓްގެ ބިންގާއަޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމާރާތްކުރުމައި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބް ވިދާޅުވީ، ދާއިމީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިފައިވާ އަސާސީ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ވަޒީރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި، ނިކަމެތި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭކަމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ އެންމެ ޕްރޮގްރާމަކަށް ނުވަތަ އެންމެ އުސޫލަކަށް ނޫން ކަމަށެވެ.
މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކަކީ، އާއިލާއެއް ގޮވައިގެން ހަމަޖެހިލައިގެން އުޅެވޭނެ ބޯހިޔާވަހިކަމެއް ނެތް ބައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިފަދަ ފަރާތްތަކަކީ ބާކީ ވެފައިވާ ފަރާތްތަކަކަށް ނުވާނެކަމަށެވެ.
އަދި ހާލުގައި އުޅޭ ފަރާތްތަކަށް ޚާއްސަ އުސޫލަކުން އިސްކަންދީގެން ބޯހިޔާވަހިކަން ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ހާލުގައި އުޅޭ ފަރާތްތަކަށް ޚާއްސަ އުސޫލަކުން ބޯހިޔާވަހިކަން ދިނުމަކީ މުހިންމުކަމެއްކަމަށް ޤަބޫލުކުކުރައްވާކަމަށާއި، އޭގެ އިދާރީ މަސައްކަތްތައް މިހާރު ކުރަވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްގަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

