ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ، ހިމަބިއްސަށް (މީސަލްސް) އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
މާލޭ ސަރަޙައްދުން ދެ މީހަކު މިދިޔަ ހަފްތާގައި ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން ބުނީ، މިވަގުތުވެސް 5 ކޭސްގެ އިންވެސްޓިގޭޝަން ކުރެވެމުންދާ ކަމަށާ މި ކޭސްތަކާ ގުޅިގެން މިހާތަނަށް 128 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަ ކޭހަކީ މި މަހު ފެނުނު ކޭސްތައް ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
އެހެންކަމުން އެޗްޕީއޭއިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ.
އެގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ހިމަބިހީގެ ކޭސްއެއް ފެނިއްޖެނަމަ، އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލިޖެހުނު މީހާއާ ދިމާވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާ ކަމަށް އެ އެޖެންސީން ބުނެއެވެ.
މި ބަލިން ރައްކާތެރިވުމަށާއި، ބަލީގައި ބޮޑުވަރުވިޔަ ނުދިނުމަށް އޮތް އެންމެ ފަހި މަގަކީ ވެކްސިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

