logo

ފެލިދޫ ކައިރީގައި ލޯންޗެއް ބަންޑުންވި ހާދިސާ:ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހުން އަދިވެސް ނުފެނޭ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

ފެލިދޫ ކައިރީގައި ލޯންޗެއް ބަންޑުންވި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ހާމަ ކޮށްފިއެވެ.

ފުލުހުން ނެރުނ ބަޔާނެއްގައި ބުނީ ވ. ފެލިދޫ ކައިރީގައި 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުން ކަމަށެވެ. އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރާފައި ކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ 2026 މާރިޗު 20 ވަނަ ދުވަހު ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފަ ކަމަށައި، އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިންގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ.

މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިބި ކަމަށް ބުނެފައި ވެއެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ. މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުން ކަމަށެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ.

މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުން ކަމަށާއި، މި ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ad