ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ އިމުގެ ބައެއްކަން، ތާރީޚީ ގިނަ ލިޔެލިޔުންތަކުން ފެންނަން އޮތްކަމަށާއި، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ދޫކޮށްލި ބައި ހޯދުމަށް ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަށާފަވާކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ 22 އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ޙައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިޢުލާނުކުރާ ކަމަށެވެ. މީގެއިތުރުން ކަނޑުގެ ސަރަހައްދުގެ ޤާނުނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކާ ހަވާލާދީ، ރާއްޖޭގެ އެސްސީޒެޑްއަކީ ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭގޮތަށް ޤާނުނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަޙައްދުކަމަށް ނިންމާ މަޖިލިސް މެންބަރުގެ ހާޒިރުގައި އެކަން އިއުލާނުކުރާ ކަމަށެވެސް ރައީސް ވުދާޅުވިއެވެ.
ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އަނބުރާ ހޯދުމަށް 19 ނޮވެންބަރު 2023ގައި ބަންޑާރަ ނައިބަށް އަންގާފަވާކަމަށެވެ. އެ މަސައްކަތަށް 3 މެންބަރުންގެ ވިލަރެސް ކޮމިޓީއެއް އެކުލަވާލާ، އެ ކޮމިޓީގެ ރިޕޯޓް 22 ޖަނަވަރީ 2026ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައިވާކަމަށެވެ. ކޮމިޓީއިން ހުށައެޅީ ކަންކަން ހިމެނޭހެން ކެބިނެޓް ކަރުދާހެއް އެކުލަވާލާ 25 ޖަނަވަރީ 2026ގައި ހުށައަޅާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރިޕޯޓާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކެބިނެޓުން ނިންމާ، ޤާނޫނީ މާހިރުންގެ ލަފަޔާއެކު، ދިވެހި ރާއްޖެއިން އީއީޒެޑްއިން ދޫކޮށްލި ބައި ހޯދުމަށް ޤަނޫނީގޮތުން ކުރަންޖެހޭ ކަންކަން ފަށާފަވާކަމަށް ރައީސް ވިދާޅުވިއެވެ.
ގެއްލުންތަކެއް ލިބިފަވާކަމަށް ލަފާ ލިބިފައިވާތީ، އެކަން ކުރި ފަރާތްތަކާއި ސުވާލުކޮށް، އެކަމުގެ ސަބަބުތައް ދެނެގަނެ، ޤާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާނޭ ކަމަށާއި، އެފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް، ޤާނޫނު އަސާސީގެ 115ގެ މާއްދާގެ ދަށުން "ކޮމިޝަން އޮފް އިނކުއަރީ "އެއް އުފެއްދުމަށް ނިންމާފައިވާކަން އިޢުލާނުކުރާ ކަމަށެވެ.

