logo

ފިތުރު ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ފިޠުރު ޕޯޓަލާގުޅޭ ތަމްރީނު ސެޝަނެއް ބާއްވައިފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ރާއްޖޭގެ ޒަކާތުގެ އިދާރީ އޮނިގަނޑު ޒަމާނީކޮށް، ޑިޖިޓަލް ގަވަރނަންސް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުން، މޯލްޑިވްސް ޒަކާތު ހައުސްއިން ފިޠުރު ޕޯޓަލާ ގުޅޭ ތަމްރީނު ސެޝަނެއް ބާއްވައިފިއެވެ.

މި ތަމްރީނަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަމުންދާ ތައްޔާރީތަކުގެ މުހިންމު ބައެކެވެ. މީގެ މަޤްޞަދަކީ އިދާރީ ގޮތުން ފުރިހަމައަށް ތައްޔާރުވުމާއި، ފިޠުރު ޒަކާތް ބަލައިގަތުމާއި ބެލެހެއްޓުމުގައި ޒަކާތު ހައުސްއިން މުޅި ރާއްޖޭގައި ޤާއިމުކޮށްފައިވާ ވިލަރެސްކުރުމުގެ ނިޒާމު ހަރުދަނާކުރުމެވެ.

މިދިޔަ ފެބްރުއަރީ 2 ވަނަ ދުވަހު ތަޢާރަފުކުރި ފިޠުރު ޕޯޓަލަކީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމުގައި ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މިއީ ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ މަރުޙަލާތަކުގައި ޒިންމާދާރުކަމާއި، ދެފުށްފެންނަ މިންވަރާއި، ހަލުވިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމު ތަރައްޤީކޮށްފައިވަނީ، ޚާއްޞަކޮށް އޮންލައިންކޮށް ފައިސާ ދައްކަން އާދަވެފައި ނުވާ ފަރާތްތަކަށް، ނަގުދު ފައިސާއިން ފިޠުރު ޒަކާތް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ މި ނިޒާމުގެ މުހިންމު މަގްސަދެކެވެ.

ފިތުރު ޕޯޓަލަކީ ހަމައެކަނި މޯލްޑިވްސް ޒަކާތު ހައުސްއާއި ލޯކަލް ކައުންސިލުތަކުގެ އިދާރީ ބޭނުންތަކަށް ހާއްސަ ޕޯޓަލެކެވެ. މި ނިޒާމުގެ ދަށުން، އާންމު ފަރުދުން ކައުންސިލް އިދާރާތަކަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެއެވެ. އަދި ޒަކާތް ދެއްކިކަން ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް ވަގުތުން އެ ފަރާތަކަށް ލިބިގެންދާނެއެވެ.

މި ޕޯޓަލް ތަންފީޒުކުރުމާ އެކު، މުޅި ރާއްޖޭގައި ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތް ރެކޯޑުކުރުމަށް އެއް މިންގަނޑެއްގެ ނިޒާމެއް ޤާއިމުވެ، މޯލްޑިވްސް ޒަކާތު ހައުސްއަށް ވަގުތުން (ރިއަލް-ޓައިމް) ފައިސާގެ މުޢާމަލާތްތައް މޮނިޓަރކުރެވޭނެއެވެ. މީގެ ސަބަބުން، ރަމަޟާން މަސް ނިމުމުގެ ކުރިން ޒަކާތް ހައްގުވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ޒަކާތް ބެހުމުގެ މަސައްކަތް ތަރުތީބުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

ޓެކްނޮލޮޖީގެ އެހީގައި ޒަކާތުގެ ނިޒާމު ޒަމާނީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި ފިތުރު ޕޯޓަލްއަކީ މުޅި ރާއްޖޭގައި ޒަކާތުގެ ހިދުމަތް ދިނުމުގައި ދެފުށްފެންނަ މިންވަރާއި ހިންގުންތެރިކަން އިތުރުވެގެންދާނެ ކަމެކެވެ.

ad