މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓާ މެންބަރަކު އައްޔަންކުރަން ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
ޕެންޝަން އޮފީހުން ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ބުނީ، އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ޝޯޓްލިސްޓުކުރަން ބޭނުންވާ އަދަދަށް އެކަށީގެންވާ އެޕްލިކޭޝަން ލިބިފައިނުވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާ ކަމަށެވެ.
އެ އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ މި މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ އިއުލާނާ ގުޅިގެންވެސް ބޭނުންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ އަލުން ފުރުސަތު ހުޅުވާލީ މިއަދު އެވެ.
ޕެންޝަން އޮފީހުން ބުނީ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެން ދިއުމަށް ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓްކޮށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔަގީންކުރެވޭނެ ކަމަށެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މަގާމު ހުސްވެފައިވާތީ މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ އެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެ އެވެ.
ޕެންޝަން ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭ ހިމެނެނީ؛
- ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުން.
- ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކޮށްފައިވުން.
- ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން.
- ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން.
ޝަރުތު ހަމަވާ ފަރާތްތަކުން ވަނަވަރާއި ސިޓީއާއެކު ގުޅުންހުރި ލިޔެކިއުންތައް މިމަހުގެ 29ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ވަޒީފާއަށް އެދި އީމެއިލްކުރުމަށް ނުވަތަ އޮފީހަށް ފޯމު ހުށަހެޅުމަށް އެ އޮފީހުން އެދިފައެވެ.
ޕެންޝަން ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ސަރުވަޝް އާދަމް، މިދިޔަ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.

