logo

ދަސްވެނިންގެ އަތްމައްޗަށް މި ދޫކޮށްލެވުނީ ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ އިލްމީ އަމާނާތެއް: ސީޕީ އަޙްމަދު މުޙައްމަދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

މިއަދު ހާސިލްކުރި ސަނަދަކީ ހަމައެކަނި ވަޒީފާގެ ކުރިއެރުމަށް ލިބުނު ފުރުސަތެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިޔަ ބޭފުޅުންގެ އަތްމައްޗަށް ދޫކޮށްލެވުނު "އިލްމީ އަމާނާތެއް" ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސީން އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއިން ހިންގި މުހިންމު ދެ ކޯހަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދިނުމަށް މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސީޕީގެ ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދެއްވާ ހާއްސަ އަހަންމިއްޔަތާއި، އެމަނިކުފާނުގެ ދުރުވިސްނުންފުޅުގެ ދަށުން ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ފަހިކޮށްދެއްވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން، ފުލުހުންގެ ތައުލީމީ ގާބިލްކަން އިތުރުކުރުމަށް ބަހައްޓަވާ ފަރުވާތެރިކަމަށްޓަކައި ވެސް ޝުކުރު އަދާކުރެއްވިއެވެ.

ކޮލެޖުގެ އިސްވެރިންނާއި މުދައްރިބުން ކުރައްވާ މުހިންމު މަސައްކަތް ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"މި ކޮލެޖްގެ ހިންގުން ހަރުދަނާކޮށް، ދަރިވަރުންނަށް އެންމެ ފަހުގެ އިލްމާއި ހުނަރު އުނގަންނައިދިނުމުގައި ކޮލެޖްގެ އިސްވެރިންނާއި، މުދައްރިސުން އަދި ހުރިހާ ސްޓާފުން ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށް، އެ ބޭފުޅުންނަށް ޝުކުރު އަދާކުރަން." ސީޕީ ވިދާޅުވިއެވެ.

ސީޕީ އަޙްމަދު މުޙައްމަދު އިތުރަށް ވިދާޅުވީ، މިއަދު ހާސިލްކުރި ތައުލީމާއި ހުނަރުގެ ބޭނުން ހިފައިގެން، ޖިނާއީ މައްސަލަތައް ކާމިޔާބުކަމާއެކު ތަހުގީގު ކުރުމަގައާއި ރައްޔިތުންނަށް އަމާން މުޖުތަމައެއް ހޯދައިދިނުމުގައި ދަސްވެނިން ސާބިތުވެ ތިއްބެވުމަށް އިސްތިމާސްކުރައްވާކަމަށެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި "ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން" އަދި "ޑިޕްލޮމާއިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް" ކޯސް ނިންމި ޖުމްލަ 91 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރެއިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުން އެއްވަނަ ހޯދީ ޕޮލިސް ސަރޖަންޓް ފާޠިމަތު ރަމްލާ ޙުސައިންއެވެ. އަދި ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހުން އެއްވަނަ ހޯދީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަރިޔަމް ސަނާއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ad