logo

ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރަކަށް ފަރުހާދު

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން
ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް

ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް

ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ޙަވާލުކުރައްވައިފިއެވެ.

ފުލުހުންގެ ހިންގުމާ ހަވާލުވެ ހުންނެވި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، 18 ފެބްރުއަރީން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ވަނީ ރިޓަޔަރ ކުރައްވާފައެވެ.

މިއާއެކު ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގަވާނީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ކަނޑައަޅުއްވާފައެވެ.

ފަރުހާދު ފިކުރީ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމަށް ހަމަޖައްސަވާފަވަނީ، 2024 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 30 މާރިޗު 1991 ގައެވެ.

ފުލުހުންގެ ޚިދުމަތުގައި އޭނާ ހޭދަކުރެއްވި 33 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަޙުޤީޤީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހާތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް ފަރުހާދު ހުންނެވީ، ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިންގ ހެޑްގެ މަޤާމުގައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ކޮމިޝަނަރުކަމާ ޙަވާލުވެވަޑައިގެންނެވި ނަވީން ރިޓަޔާކުރައްވަން ނިންމަވައި، މިދިޔަ ހަފްތާގައި ވަނީ ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ސިޓީ ފޮނުއްވާފައެވެ. އިއްޔެ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ ޔުނީފޯމް އެޅި ހިދުމަތުގައި ގާތްގަނޑަކަށް 32 އަހަރު ހޭދަކުރުމަށްފަހު ހިދުމަތުން ވަކިވީ ހިދުމަތަށް ވަންއިރުވެސް ބެޖަށް އޮތް އިހްތިރާމާއި، މުއައްސަސާއަށް އޮތް އިތުބާރާއި، އަދި ގައުމަށް އޮތް ލޯތްބާ އެކު ކަމަށެވެ.

ނަވީން ސީޕީކަމާ ޙަވާލުވެވަޑައިގެންނެވީ، ކުރިން އެ މަގާމުގައި ހުންނެވި ޢަލީ ޝުޖާއު ކުއްލިގޮތަކަށް މިދިޔަ އަހަރުގެ އޭޕްރީލްގައި އިސްތިއުފާ ދެއްވުމުންނެވެ.

ފުލުހުންގެ ހިދުމަތުގެ ޤާނޫނުގައިވާ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވެއްޖެނަމަ، އެ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަޤާމަށް ބޭފުޅަކު އައްޔަންކުރަން ޖެހެއެވެ.

ކޮމިޝަނަރ ޢައްޔަންކުރާނީ އެމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޕޮލިސް ބޯޑުން ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރުކަމަށް ޢައްޔަންކުރެވޭ މީހަކީ، ފުލުހުންގެ ވަޒީފާގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި ހުރި ފަރާތަކަށްވާންވާން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.

ad