logo

އެސްޓީއޯ އިން ހިއްސާއަކަށް 85 ރުފިޔާ ބަހަނީ

އާމިނަތު މޫސާ
18 ގަޑިއިރު ކުރިން

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާގެ މަގުން ހިއްސާދާރުންނަށް ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ރޭ ފާސްކޮށްފިއެވެ. މިއީ އެސްޓީއޯގެ ފަހުގެ ތާރީހެއްގައި ބަހާ އެންމެ ބޮޑު ހިއްސާގެ ފައިދާކަން ފާހަގަކޮށްލެވެއެވެ.

އެކުންފުނިން މިގޮތަށް ފާސްކޮށްފައިވަނީ، ރޭ ބޭއްވި އެކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. މިއީ، އެކުންފުނިން އާންމުކޮށް ހިއްސާ ވިއްކަން ފެށިތާ 25 އަހަރު ފުރޭ އަހަރުކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި މިއަހަރުގެ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ހިއްސާދާރުންނާއި، ހިއްސާދާރުންގެ ޕްރޮކްސީން ބައިވެރިވެފައިވެއެވެ. އެގޮތުން ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ، ހާޒިރުވެގެން ބައިވެރިވި 176 ހިއްސާދާރުންނާއި ޕްރޮކްސީކޮށް ބައިވެރިވި 87 ހިއްސާދާރުންނެވެ.

މި ޖަލްސާގައި ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ފާސްކޮށްފައިވަނީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓުންނެވެ. މިއީ، ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމި ފަހަރުކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

މިދިޔަ އަހަރު އެކުންފުނިން ކޮންމެ ހިއްސާއަކަށް ބަހާފައިވަނީ، 80 ރުފިޔާއެވެ. އެސްޓީއޯގެ ސާފު ފައިދާއިން ހިއްސާދާރުންނަށް 85 ރުފިޔާ ބެހުމަށް ކަނޑައެޅިއިރު، މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.55 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ސަބްސިޑަރީ ކުންފުނިތަކާއެކު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެސްޓީއޯއަށް އެކަނި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނިން ހާމަކުރެއެވެ.

މި ޖަލްސާގައި 2024 ވަނަ އަހަރުގެ ޔައުމިއްޔާ ވަނީ، ފާސްކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓުވެސް ފާސްކޮށްފައިވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގ ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 1،009،800 މިލިޔަން ރުފިޔާއަށް ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.

ad