ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ ޢަލީ ޒުބައިރު އަވަހާރަ ވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ކަމުގެ މަޤާމުގައި ހުންނެވި، ޢަލީ ޒުބައިރު އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވެ ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރުގެ ޚިދުމަތުގެ 43 އަހަރާއި 11 މަހަށްވުރެ ދިގުމުއްދަތުގައި، މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވިކަމަށެވެ.
އެމަނިކުފާނާއެކު މަސައްކަތްޕުޅުކުރެއްވިއިރު، ޢަލީ ޒުބައިރުގެ ފަރާތްޕުޅުން ކޮންމެ ދުވަހަކުމެ ފެނިފައިވަނީ މުރާލިކަމާއި އިޚުލާޞްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާކަމަށް ރައީސް ވިދާޅުވި އެވެ. ގާތް އަޚެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކު ވެސް ނުނެތޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރަކު ވަކިވެ ދިއުމުގެ ހިތާމަ އިޙްސާސްކުރާ މި ދަނޑިވަޅުގައި، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަލީ ޒުބައިރު ލަހައްޓަވައި، ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވުން އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފަ އެވެ.
