ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ވައި ނުސާފުވަމުންދާތީ، އާންމު ޞިއްޙަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
ވައިގެ ސާފުމިން ބަލާ އެޕް އައިކިޔުއެއާ ވިޝުއަލް އިން ދައްކާގޮތުން، ރާއްޖޭގެ އުތުރަށް ވައިގެ ސާފުމިން ހުރީ 159 ގައެވެ. އަދި މާލޭ ސަރަހައްދުގައި ވައިގެ ސާފުމިން ހުރީ 154 ގައެވެ. މިއީ ސިއްހީ ގޮތުން ނުރައްކާ މިންވަރެކެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ވައި ނުސާފުވުމުގެ ސަބަބުން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެހެންކަމުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.
ޚާއްޞަކޮށް ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލި އަދި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނާއި، މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި، ބޭރަށް ނިކުންނަންޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުމަށް ވަނީ އަންގާފައެވެ. އަދި ވައި ނުސާފު ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށްވެސް އެޗްޕީއޭއިން ވަނީ ލަފާދީފައެވެ.
މީގެ އިތުރުން، ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.

