logo

ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ހާއްސަ ފެރީއެއް ހަމަޖައްސައިފި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށާއި ކުޅުދުއްފުއްޓާއި ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއް ހަމަޖައްސައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވައިކަރަދޫގެ ދަނޑުވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅު ފުއްދުމަށްޓަކައި، އެގްރިކަލްޗަރ މިނިސްޓްރީން މިހާރު ދަނީ މިމަސައްކަތާ ގުޅޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ވައިކަރަދޫ އާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް، އޭޕްރީލް 3 ވަނަ ދުވަހު ވަނީ ހަމަޖައްސާފައެވެ. އަދި އެ ފަރާތާއި މަސައްކަތް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

މި ޚާއްޞަ ފެރީގެ ނިޒާމު ގާއިމުވުމުން، ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މިއީ އެ ރަށުގެ އިގްތިސާދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން ވެސް، ދިވެހިރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި، ދަނޑުވެރިންގެ އުފެއްދުންތަކާއި، މާރުކޭޓުތަކާ ގުޅުވައިދިނުމަށް، އިތުރުގޮތްތައް ހޯދައިދިނުމަށް، މިނިސްޓްރީން މިދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ދަނޑުވެރިން އުފައްދާ ތަކެތި އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް އެގްރޯނެޓުގެ ބޯޓުތައް އެމްޓީސީސީން އޮޕަރޭޓް ކުރުމަށްވެސް މިހާރު ވަނީ މަޝްވަރާކޮށްފައެވެ. މި 'އެގްރި ބޯޓު' ތަކަކީ ސީދާ ދަނޑުވެރިކަމުގެ ބޭނުމަށް، ރާއްޖޭގެ މޫސުމާއި ކަނޑުތަކަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. މި ބޯޓުތަކުގައި ދަނޑުވެރިކަމުގެ ބާވަތްތައް ތާޒާކަމާއެކު ރައްކާކުރުމަށްޓަކައި ސޯލާ ޕަވަރޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލިޓީތައް ހިމެނެއެވެ. މި ނިޒާމަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގާ ނިޒާމެކެވެ. މީގެ އިތުރުން ބޯޓުގެ ފަޅުވެރިންނަށް އަރާމުކޮށްލެވޭނެ އިންތިޒާމުތައްވެސް ބޯޓުގައި ވަނީ ފަރުމާކޮށްފައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ދެމެހެއްޓެނިވި، ފައިދާހުރި، އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމެވެ.

ad