logo

ފްލެޓްތަކުގައި ރަށްވެހިކަން ޖެއްސުމަށް ސިޓީ ކައުންސިލަށް ހުރަހެއް ނޯންނާނެ: ހަމްދާން

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ފްލެޓް ތަކުގައި ރައްވެހިކަން ޖެއްސުމަށް މިހާރު އެއްވެސް ހުރަހެއް ސިޓީ ކައުންސިލަށް ނޯންނާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް، އެފްޑީސީގެ މެނޭޖިން ޑިރެކްޓާ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިކަމުގެ ރަޖިސްޓްރީ ހެދުމުގައި އުޅޭ ދަތިތަކާއި ގުޅޭގޮތުން މިހަފްތާގެ ހޯމަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އިބްރާހީމް ވަނީ ހައުސިންގ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބާ ސުވާލުކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އެދުވަހު ވިދާޅުވެފައިވަނީ ރަޖިސްޓްރީ ހަދައިދެވޭނީ ސިޓީ ކައުންސިލަށްކަމަށާއި އެކަން ނުކުރަނީ ރައްޔިތުންނަށް އުނދަގޫ ކުރުމުގެ ގޮތުންކަމަށެވެ. އަދި ރަޖިސްޓްރީ ހަދައިދޭން ސިޓީ ކައުންސިލަށް އަންގާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އެފްޑީސީން ވަނީ މިއަދު ސިޓީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައެވެ.

އެފްޑީސީގެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތައް މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމާ ބެހޭ ގޮތުން ހަމްދާން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ 17 އޮގަސްޓު 2025 ގައި އެފްޑީސީގެ ފަރާތުން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލަށް ބައްދަލުކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ހަމްދާން ވިދާޅުވީ އެފްޑީސީގެ ފްލެޓްތައް ލިބިފައިވާ ފަރާތްތައް ރަށްވެހިކަން އެތަނުގައި ޖެއްސުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލަށް ބޭނުންވަނީ ކޮން ޑޮކިއުމެންޓުތަކެއްތޯ އަދި މައުލޫމާތެއްތޯ ސާފުކޮށްފައިވާނެކަމަށެވެ. އަދި ފްލެޓްތަކުގައި ރަށްވެހިކަން ޖެއްސުމަށް މިހާރު އެއްވެސް ހުރަހެއް ސިޓީ ކައުންސިލަށް ނޯންނާނެ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މިހާރު މިވަގުތުން ފެށިގެން އެފްޑީސީގެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރަށްވެހިކަން އެފްޑީސީގެ ފްލެޓުތަކުގައި ޖެއްސުމާ މެދު އެއްވެސް އިދާރީ ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި އުންމީދަކީ ވީހާވެސް ލުއި ފަސޭހަ ގޮތްތަކެއް ސިޓީ ކައުންސިލުން ވެސް ހަމަޖެއްސުން ކަމަށް ވިދާޅުވިއެވެ.

އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް އިދާރީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި މިކަމުގައި ސިޓީ ކައުންސިލުން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްގީކޮށްފައިވާ 32 ޓަވަރުގައި 4000 ހައުސިންގ ޔުނިޓް ހިމެނެއެވެ. މި ފްލެޓްތަކުގައި 30،000އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭނެކަމަށް އަންދާޒާ ކުރެވެއެވެ.

ad