ޖަނަވާރުންނަށް އަނިޔާކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން ދީފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން ބުނީ މިހާރަކަށް އައިސް ރާއްޖޭގައި ބައެއް މީހުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތާއި، ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި މިކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޖަނަވާރުންނަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަހުލޫގުންނަށް ވީހިނދު، އެ ތަކެއްޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް މިހާރު ގާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައިވާކަން އެ ވުޒާރާއިން ވަނީ ހަނދާކޮށްދީފަ އެވެ.
މި ހައްގުތަކުގެ ތެރޭގައި ހިމެނެނީ:
*ހައިހޫނުކަމާއި ކަރުހިއްކުމުން މިންޖުވުން.
*ބިރުގަތުމާއި ހާސްވުމުން މިންޖުވުން.
*ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުން.
*ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުން.
*އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުން.
މި ހައްގުތަކަކީ މިހާރު ގާނޫނީ ގޮތުން ރައްކާތެރިކަން ދީފައިވާ ކަންކަން ކަމަށާއި އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ޤާނޫނީ ފިޔަވަޅުތައް އެޅޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ގާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ޖަނަވާރުންނަށް އިހާނެތި އަމަލެއް ހިންގާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލާ ފަރާތްތައް 5,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ޖަނަވާރުންނަށް ރަޙުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ އަމަލު ކުރުމަކީ އިސްލާމް ދީނުގައި ބާރު އަޅާކަމެއްކަންވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެންމެހާ ރައްޔިތުން ޒިންމާދާރުކަމާއެކު އަމަލުކުރުމަށާއި، މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ވަނީ އެދިފައެވެ. ޖަނަވާރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވުޒާރާއިން ވަނީ އަރުވާފައެވެ.
ވުޒާރާއިން މިހެން ބުނެފައިވާއިރު، ބުޅަލެއްގެ ކަރުގައި ވާގަނޑެއް އައްސައި، ވަރަށް އިހާނަތިކޮށް ބިންމަތީގައި ދަމައިފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދިފަހުން މީސްމީޑިއާގައި އާއްމުވެފައިވާއިރު އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

