ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ފުލުހުން ބުނީ މިމަހުގެ 25 ވަނަ ދުވަހު ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ ދަފްތަރު. ނަންބަރު ދރ. 2069 / މާލެ، ހަމްދޫން އަހްމަދު (31އ) ގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގެ ކުށް ސާބިތުވުމުން 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަމްދޫން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައިގައި 2024 ފެބުރުއަރީ 7 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޙަމްދޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައި ވަނީ 2024 އޭޕްރީލް 17ވަނަ ދުވަހު އެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށްކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް އެ އިދާރާއިން ބުނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.

