logo

ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް ދަތިކަމެއްނެތި ރައްޔިތުންނަށް ލިބޭނެ: ވަޒީރު ސައީދު

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއްނެތި ރައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ދެއްވައިފިއެވެ.

މެދުއިރުމަތީގައި އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާއިން ފެށި ހަނގުރާމަ ފުޅާވެ، އެކަމުގެ ރައްދު ހަމަލާތައް ގަލްފް ގައުމުތަކަށް އަމާޒުވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިގެން ގޮސްފައެވެ. މިކަމާއި ގުޅިގެން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ އިތުރަށް، ތެލުގެ ސަޕްލައިއަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި މިހާލަތުގެ އަސަރު ދިވެހި ރައްޔިތުންނަށް ގައުމަށް ކުރާ މިންވަރު ވީހާވެސް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރެއިން ސަރުކާރުން އަވަސް ރޭވުންތެރި ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވިދާޅުވިއެވެ. މިއާއެކު އެސްޓީއޯއިން ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭހެން ދަމަހައްޓަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ ނޮމިނޭޝަން އެރޭންޖްމެންޓުގެ ދަށުންނެވެ. ނޮމިނޭޝަން އިންތިޒާމުތަކަކީ ދުރާލާއި ތެޔޮ ގަންނަން އޯޑަރު ދީ، އެބަލާ ދާ ދުވަހާއި އުޅަނދުގެ މައުލޫމާތު ސަޕްލަޔަރުންނާއި ހިއްސާކޮށްގެން ކުރިއަށް ގެންދެވޭ މުޢާމަލާތްތަކެކެވެ. މިގޮތަށް މިހާރު ދެ ޝިޕްމަންޓެއްގެ ތެޔޮ ގެނެސްފައިވާއިރު ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ތާރީހުތަކާއި އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމަންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެކަމަށް މީގެ ކުރިންވެސް ސަރުކާރުން ދެއްވާފައިވާ ޔަގީންކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހާއި އަސާސީ ބާވަތްތަކުގެ ކާބޯތަކެތި ﷲ އިރާދާފުޅާއެކު އެއްވެސް ދަތިކަމެއްނެތި ލިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

ad