މިއަހަަރު ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ މިހާރުވެސް 3 މަރުކަޒުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި ކަމަށާއި، މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. ހާފިޒުންގެ އަގުވަޒަންކޮށް ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރާ ބޭފުޅުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ސަރުކާރުން ދެމުން އައި އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ވާނީ ބޮޑުކޮށްފައިވާ ކަމަށާއި، ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަކީ މާތްވެގެންވާ އިސްލާމްދީން އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ މާތްﷲގެ ގެކޮޅުތައްކަމަށްވާ މިސްކިތްތައް. މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް ކަމަސެވެ. އެގޮތުން އެތަންތަން ޒީނަތްތެރިކަން ސައްތައިން ސައްތަ ދިވެހިރާއްޖެއިން ވަރަށް ފުރިހަމައަށް ފެންނަން ވާނެ ކަމަށެވެ.
ވޭތުވެދިޔަ އަހަރު 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒާއި 6 ވަޤްފު ބިނާއާއެކު މުޅިއަކު 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
މިސްކިތްތައް އަޅާ ހުޅުވުމުގެ އިތުރުން ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތު ކުރުމަށްވެސް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭ ކަމަށާއި، އެގޮތުން ނިމިދިޔަ އަހަރު 19.4 މިލިއަން ރުފިޔާ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް ހޭދަކޮށްފައިވާކަމަށެވެ.
ހުޅުމާލެ ގްރޭންޑް މިސްކިތް އެޅުމުގެ ތަސައްވަރު އެކުލަވާލާ، ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިސްކިތްތަކުގެ މައި ހޯލުގައި 800 އަށްވުރެ ގިނަ މީހުންނަށްވުރެ ގިނައިން ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައިގައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މި ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން މާލެ ސިޓީގެ 4 މިސްކިތެއް އޭސީކުރެވޭނެ ކަމަށެވެ.
ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރު. އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގު ދައްކުވައިދޭ އިލާހީ ދަންމަރު. ކީރިތި ޤުރުއާން ކިޔެވުމާއެކު އެ މަތިވެރި ކަލާމްފުޅު ހިތުދަސްކުރާ ޙާފިޡުންނަށް ދޭން ޖެހޭ ޤަދަރު ދެވި، ޙާފިޡުންގެ އަގުވަޒަންކޮށް ޤުރުއާން ހިތުދަސް ކުރައްވާ ބޭފުޅުންނަށް ހިއްވަރުދިނުމުގެ ގޮތުން ޙާފިޡުންނަށް ސަރުކާރުން ދެމުންއައި އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ވާނީ ބޮޑުކޮށްފައި ކަމަށެވެ.
2025 ވަނަ އަހަރު ވެގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ޙާފިޡުން ދަސްވެނިވެގެންދިޔަ އަހަރަށް ކަމަށާއި، އެގޮތުން ފާއިތުވެދިޔަ އަހަރު 30 ޙާފިޡުން ދަސްވެނިވެފައިވާ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް 2028 ވަނަ އަހަރުގެ ނިޔަލަށް ހުޅުވުމަށް ނިންމާ ނިމިދިޔަ އަހަރު އެ މަސައްކަތް ވާނީ ފެށިފަ ކަމަށެވެ. އަދި ޤުރުއާނާއި ބެހޭ އެކި ކަންކަމަށް ޚަރަދުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން މާލޭގައި ޤުުރުއާނަށް ޚާއްސަ ވަޤްފު ޢިމާރާތެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެކަމަށެވެ.
ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ރާވާ ހިންގުމުގެ ހުރިހާ ޚަރަދެއް ސަރުކާރުގެ ބަޖެޓުން ބެލެހެއްޓުމާއި ވަނަވެރީންނަށް ދެމުން އައި އިނާމު ދެގުނަ ކުރުމާއި މުޅި މުބާރާތުން އެއް ވަނަ ހޯދާ ބައިވެރިޔާއަށް ރައީސުލްޖުމުހޫރިއްޔާގެ ޚާއްސަ އިނާމެއްގެ ގޮތުން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން، ޕީއެޗްޑީއާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ވަނީ ދޭން ފެށިފައި ކަމަށެވެ.
ޙައްޖާޖީންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް ސަޢުދީ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދާޢިމީ މެމްބަރުކަން 8 ވަނައަށް ލިބުނު ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހި ދިވެހި ޙައްޖާޖީންނަށް ދުވަހަކުވެސް ލިބިފައިނުވާ ޒަމާނީ ފަސޭހަކަން ވަނީ ލިބިގެން ގޮސްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިނާގައި ދިވެހިންނަށް ޒަމާނުންސުރެ ލިބެމުން ދިޔަ ސީ ކެޓެގަރީގެ ޚިދުމަތުން ބީ ކެޓަގަރީއަށް މަތިކޮށް، ޚިދުމަތްތައް ބޮޑުތަނުން ރަނގަޅުކުރެވިފައިވާނެ ކަމަށާއި، މީގެ އިތުރުން މައްކާއިން މަދީނާއަށް ބަހުގައި ކުރަމުން އައި ދިގު ދަތުރު، ފުރަތަމަ ފަހަރަށް ހައި ސްޕީޑް ރޭލުގައި ކުރަން ފަށާފައިވާނެ ކަމަށްވެސް ވިދާލުވިއެވެ. ނަތީޖާއެއްގެ ގޮތުން ދަތުރު ފަސޭހަވުމުގެ އިތުރުން ދަތުރުގެ ވަގުތު ހަތް ގަޑިއިރުން ދެ ގަޑިއިރަށް ވަނީ ކުރުވެފައިވާ ކަަށެވެ.
ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހިންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސުމާއި، އަދި ޙައްޖުވެރިންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމެއް ޤާއިމްކޮށް ޙައްޖުވެރިން ތިބޭ ހޮޓަލުގައި ފެންވަރު ރަނގަޅު މެޑިކަލް ކްލިނިކެއްގެ ޚިދުމަތް ދޭންވެސް މިހާރު ވަނީ ފަށާފަ ކަމަށެވެ. އަދި މިހުރިހާ ޚިދުމަތްތަކެއް ތަޢާރަފްކުރެވި، ފެންވަރު މަތިކުރެވިފައި މިވަނީ ޙައްޖުވެރިންގެ އަތުން އިތުރަށް އެއްވެސް އެއްޗެއް ނެގުމަކާއި ނުލާކަމަށެވެ.
މިއހަރުގެ ޙައްޖާ ގުޅޭ ކަންކަން ސަޢުދީ ޢަރަބިއްޔާގައި އެންމެ ފުރަތަމަ 100 އިންސައްތަ ފުރިހަމަކުރި 8 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން އުފަލާއެކު ފާހަގަކުރާ ކަމަށާއި، މީގެ ތެރޭގައި މައްކާއާއި މަދީނާގެ ހުރމާއި، އަދި ގުޅިފައިވާ އެހެންކަންކަންވެސް ވަނި ފުރިހަމަ ކުރެވިފައި ކަމަށެވެ.
ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ކުރަން ފައްޓާފައިވާ މަސައްކަތުގެ ސަބަބުން ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ، ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ދަނީ އިތުރުކުރެވި މިގޮތުން ނިމިދޔަ އަހަރު ސަތޭކަ ހަތް މިލިއަން ދެލައްކަ ފަސްހާސް ސާޅިސް ތިން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ދައްކާފައި ކަމަށެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރުތެރޭގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އަދި އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤުސަދުތައް ޙާޞިލް ކުރެވޭނެހެން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ޒަކާތް ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ބަލަހައްޓާ ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށަ ޒަކާތުގެ ޤާނޫނެއް މިހާރު ވަނީ ވުޖޫދުކުރެވިފައި ކަމަށްވެސް ވިދާލުވިއެވެ. މިއީ އެތަކެއް އަހަރެއްގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި، އަދި މިއީ ރާއްޖޭގައި ދީނީ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

