logo

ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖެމަތީގައި ދުންފުހުގެ އަސަރު ބޮޑުވާނެ: މެޓް

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރަނެ ކަމަށާއި، ކުރިއަށް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ، ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ދަނީ ކުރަމުން ކަމަށާއި، ރިޕޯޓުތައް ދައްކާގޮތުން ދުރުފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށެވެ.

ކުރިޔަށް އޮތް 5 ދުވަހު ދުންފުސްކަމުގެ އަސަރު މުޅި ރާއްޖެއަށް އިތުރުވެފައިވާއިރު، އުތުރާއި މެދު ރާއްޖެތެރެޔަށް އެކަމުގެ އަސަރު ކުރާނެ ކަމަށް މެޓުން ބުނެއެވެ. ވައި އެންމެ ބޮޑަށް ނުސާފުވެފައިވާ ސަރަހއްދުތަކަކީ، ކ.މާލެ، ކ.ވިލިންގިލި، ށ.ފުނަދޫ އަދި ދ.ކުޑަހުވަދޫ ކަމަށްވެސް މެޓުން ބުނެއެވެ.

ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ "އައިކިއު އެއާ" ގެ މައުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 12.16 މައިކްރޯ ގްރާމްގައެވެ. އެހެންކަމުން މިދިޔަ ދުވަސްތަކާއި އަޅާ ބަލާއިރު ވައިގެ ނުސާފުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެ.

ވައިގެ ފެންވަރު ދަށްވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްސަކޮށް ބޭރުގައި ގިނަވަގުތު އުޅޭ ފަރާތްތަކާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.

ކޮންމެއަހަރަކު، އިރުވައި މޫސުމުގައި ކުރިމަތިވާ ދުންފުސްކަމުގެ މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.

ad