logo

މިފްކޯ ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: ސީއީއޯ އަނަސް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

ޒަމާނުއްސުރެ މިފްކޯ ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ކުންފުނީގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.

ސީއީއޯ މިހެން ވިދާޅުވީ ކުންފުނީގެ ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކުރެއްވި ޒިޔާރަތުގައި މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސީއީއޯ ވިދާޅުވީ ތަޞައްވުރަކީ މިފްކޯއަށް އިޞްލާޙީ ބަދަލުތަކެއް ގެނައުން ކަމަށެވެ. މިފްކޯއަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެފައި، ޒަމާނުއްސުރެ ކުންފުނި ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން ޒަމާނީ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެންނަންޖެހޭކަން ފާހަގަކުރައްވައި އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރު ކުރެވިގެން ކަމަށް ސީއީއޯ ވިދާޅުވިއެވެ. އެހެންކަމުން ކުންފުނީގެ މާލީ ގާބިލްކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.

“ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން.” ސީއީއޯ އަނަސް ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވީ މި ބަދަލުތަކުން ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ. އެހެންކަމުން ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގެ އަޚްލާޤު ހިފައްޓައި، ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކުރުމަށް އެދިވަޑައިގަތެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ރަނގަޅު ކުރުމަށް މެނޭޖްމަންޓުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ސީއީއޯ ގެންދަވަނީ ހެޑް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް މިފްކޯއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ސެންޓަރުތަކަށް ދަތުރުކުރައްވައި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވަމުންނެވެ. މިގޮތުން ގއ. ކޫއްޑޫގައި ހިންގާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެތަނުގެ ހާލަތު ބައްލަވައި ރަނގަޅު ކުރަން ހުރި ކަންކަމަށް ފިޔަވަޅު އަޅުއްވަން ވަނީ ފައްޓަވާފައެވެ.

ad