ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅަން ނިންމާފައިވާ ނެޓްބޯލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ނެޓްބޯލް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖިއޯ ވޭވް ޕްރައިވެޓް ލިމިޓެޑާއެވެ.
މިމަސައްކަތް ޖިއޯ ވޭވް އާއި ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަށެވެ.
މި ކޮމްޕްލެކްސް ޢިމާރާތްކުރަނީ ހުޅުމާލޭގެ ލޮޓް 11790 ގައި ޗަންބޭލީ މަގާއި ބޯގަންވިލާ މަގާ ދެމެދުގައެވެ. ޖުމްލަ 4,658 އަކަމީޓަރުގެ ބިމެއްގައި ޢިމާރާތްކުރާ މި ތަނުގެ އުސްމިނުގައި 23.9 މީޓަރު ހުންނާނެއެވެ.
މި ކޮމްޕްލެކްސްގެ މުހިންމު ބައިތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ މައި ކޮމްޕެޓިޝަން ކޯޓަކާއި ފަރިތަކުރުންތަކަށް ޚާއްޞަ 4 ޕްރެކްޓިސް ކޯޓާއެކު ޖުމުލަ 5 ކޯޓު ހިމެނޭނެއެވެ.
މީގެ އިތުރުން މައި ކޯޓަށް ކުރިމަތިވާގޮތަށް ތައްޔާރުކޮށްފައިވާ ގޮނޑިބަރިތަކާއި، ވީ.އައި.ޕީ ލައުންޖާއި ވީ.އައި.ޕީ ސީޓިންގް، ޓިކެޓް ކައުންޓަރު، ކެފޭ އަދި ނަމާދުކުރާ ކޮޓަރި ހިމެނެއެވެ. އަދި ޓީމުތަކާއި ރެފްރީންގެ ޗޭންޖިންގް ރޫމްތައް، ޖިމް، މެޑިކަލް ރޫމް، ޑޯޕިންގް ޓެސްޓް ފެސިލިޓީ އަދި ލިވިންގް ކުއާޓަރސް ގެ އިތުރުން ބައިނަލްއަޤްވާމީ މުބާރާތްތައް ވަގުތުން ދެއްކުމަށް ޚާއްޞަ މީޑިއާ ބްރޯޑްކާސްޓިންގް ރޫމްތަކާއި، ޓީވީ ކެމެރާ ޕެރިމީޓަރ ޒޯން އަދި އިދާރީ އޮފީސްތައް ވެސް ހިމެނެއެވެ.
މި އިމާރާތް ވެގެންދާނީ ރާއްޖޭގެ މޫސުމަށް ފެތޭގޮތަށް، ވައި ދައުރުވާނެހެން (ކްރޮސް-ވެންޓިލޭޝަން) އަދި އަވިން ހޫނުވުން ކުޑަކުރުމަށް ލޫވަރޑް ޝޭޑިންގް ސްކިން ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ޢިމާރާތަކަށެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގާޒީ ސްކޫލް ކުރިމަތީ އޮންނަ ހުސްބިމުގައި ނެޓްބޯލް ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް، ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އަދި އެޗްޑީސީން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.


