މިދިޔަ އޮކްޓޫބަރު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހުށަހެޅި ޝަކުވާތަކުގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ގުޅޭ މައްސަލަތައް ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ރިޕޯޓުގައިވާ ގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 109 މައްސަލައެއް އެ މުއްދަތުގައި ވަނީ ބަލައިގެންފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނަށް ކުރި އަނިޔާގެ 62 މައްސަލައަކާއި، ފިރިހެން ކުދިންނަށް ކުރި އަނިޔާގެ 47 މައްސަލައެކެވެ. ކުޑަކުދިންނަށް ލިބޭ އަނިޔާތަކުގެ ތެރެއިން އެންމެ އާންމުކޮށް ފާހަގަކުރެވިފައިވަނީ އަޅައިނުލުމާއި އިހުމާލުވުމުގެ 27 މައްސަލައާއި، ޖިންސީ ހާނިކައިގެ 24 މައްސަލައެވެ. މީގެ އިތުރުން ޖިސްމާނީ ގޮތުން އަނިޔާކުރުމުގެ 19 މައްސަލައަކާއި، ގޭތެރޭގެ އަނިޔާގެ އަމަލުތައް ކުޑަކުދިންނަށް ދެއްކުމުގެ 14 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.
ކުޑަކުދިންގެ އަޚްލާޤީ މައްސަލަތަކުގެ ގޮތުގައި ފިރިހެން ކުދިންގެ 22 މައްސަލައަކާއި އަންހެން ކުދިންގެ 13 މައްސަލަ ހިމެނޭހެން 35 މައްސަލައެއް ހުށަހެޅިއިރު، އާއިލީ ކަންކަމާ ގުޅުންހުރި 33 މައްސަލައަކާއި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ތިން މައްސަލައެއް ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު، އޮކްޓޫބަރު މަހު ޖުމްލަ 57 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި ބައިން އެންމެ ގިނައީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އަންހެނުންނާ ގުޅޭ 52 މައްސަލައާއި ފިރިހެނުންނާ ގުޅޭ 5 މައްސަލަ ހިމެނެއެވެ. މި ބާވަތުގެ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ އަނިޔާގެ 31 މައްސަލައާއި، އަނގަބަހުންނާއި ނަފްސާނީ ގޮތުން ކުރާ އަނިޔާގެ 13 މައްސަލައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދަކީ 153 ކެވެ. އޭގެ ތެރޭގައި 89 ފިރިހެން ކުދިންނާއި 64 އަންހެން ކުދިން ހިމެނޭއިރު، ވޭތުވެދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ތިން ކުއްޖަކު ވަނީ އަނބުރާ އާއިލާތަކާ ހަވާލުކޮށްފައެވެ.
އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާއަށް ބަލާއިރު، ވުޒާރާގެ އެހީތެރިކަން ހޯދުމަށް ގިނަ އަދަދެއްގެ ކޯލުތަކެއް ވަނީ ލިބިފައެވެ. އެގޮތުން ޗައިލްޑް ހެލްޕްލައިން (1412) މެދުވެރިކޮށް 1,775 ކޯލު އަދި ސޯޝަލް ސަރވިސް ހެލްޕްލައިން (1421) މެދުވެރިކޮށް 549 ކޯލާއެކު، ޖުމްލަ 2,324 ކޯލު ލިބިފައިވެއެވެ. އަދި އޮކްޓޫބަރު މަހު 141 މީހަކަށް ކައުންސިލިންގ، 24 މީހަކަށް ބެލެނިވެރިކަމުގެ ސެޝަންތައް، އަދި 24 މީހަކަށް ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން (ސައިކޯސޯޝަލް ސަޕޯޓް) ފޯރުކޮށްދީފައިވެއެވެ.

