ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ޢަމަލީގޮތުން ތަންފީޒުކުރުމަށް ޓަކައި، ”ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު“ ގެ ނަމުގައި އެކުލަވާލި އައު ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި މި ބިލުގެ މައިގަނޑު އަސާސަކީ އަބުރާބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ޢަމަލުތަކުން ގެއްލުން ލިބޭ ފަރާތްތަކަށް ޤާނޫނީ ފަރުވާ ހޯދައިދިނުމެވެ.
އަދި އޭގެ އިތުރުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީހުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު ހަމަހަމަކަމާއި އިންޞާފުވެރި އިމެއް ޤާއިމުކުރުމަކީ ވެސް މި ބިލުގެ މުހިންމު މަޤްޞަދެއްގެ ގޮތުގައި ހިމަނާފައިވެއެވެ.
މަޖިލީހަށް ހުށަހެޅި މި ބިލުގައި އަބުރާ ބެހުމުގެ ޢަމަލުތަކުގެ ގޮތުގައި ބެލެވޭނެ ގިނަ ކަންތައްތަކެއް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ. އެގޮތުން ހަމައެކަނި ދައްކާ ވާހަކައަކުން ނުވަތަ ލިޔާ ލިޔުމަކުން އަބުރާ ބެހުމުގެ އިތުރުން، އެކި ބާވަތުގެ ފަންނީ އަދި އިޝާރާތުގެ ވަސީލަތްތައް މެދުވެރިކޮށް ކުރެވޭ ކަންކަން ވެސް މި ބިލުގެ ދާއިރާއަށް ވަނީ ވައްދައިފައެވެ.
މި ބިލުގައި ވާގޮތުން މީހަކު ބުނާ ބަހެއްގެ ސަބަބުން ނުވަތަ ފާޅުކުރާ ވާހަކައަކުން ވެސް އަބުރުގެ ދަޢުވާ އުފުލިދާނެއެވެ. އަދި ޢާންމުކުރާ ނުވަތަ ދައްކާ ފޮޓޯއަކުން ނުވަތަ ކުރަހާ ކުރެހުމަކުން ވެސް ދަޢުވާ ކުރެވިދާނެ ކަމަށް މި ބިލުގައި ވެއެވެ. މީގެ އިތުރުން ވަކި މީހަކު ސިފަވާގޮތަށް ހަދާފައި ހުންނަ ތަކެތި ނުވަތަ މޮޑެލްތައް މެދުވެކޮށް އަދި އުފައްދާ ފިލްމަކުން، ޑްރާމާއަކުން ނުވަތަ ތަމްސީލަކުން ވެސް މި ދަޢުވާ އުފުލިދާނެ ކަމަށް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ. އަދި މީހަކު ކުރާ އިޝާރާތެއް ނުވަތަ ހަރަކާތެއްގެ ސަބަބުން ވަކި ފަރާތެއްގެ އަބުރާ ބެހެވޭފަދަ މާނައެއް ދޭހަވުން ނުވަތަ ސިފަކުރެވުން ފަދަ ކަންކަމަށް މި ދައުވާ އުފުލިދާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
މި ބިލު ފަރުމާކޮށްފައިވަނީ އަބުރާ ބެހުމުގެ ޢަމަލުތަކުގެ ސަބަބުން މީހުންގެ ޒާތީ އަދި އިޖުތިމާޢީ ކަރާމާތަށް ލިބޭ ގެއްލުންތަކަށް ޝަރުޢީ މަރުޙަލާ މެދުވެރިކޮށް އެކަށީގެންވާ ބަދަލާއި ޤާނޫނީ ފަރުވާ ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިންނެވެ.
ޚިޔާލުފާޅުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤަކަށް ވީނަމަވެސް، އެ ޙައްޤުގެ ބޭނުން ހިފަންވާނީ އެހެން މީސްމީހުންގެ ނަމާއި އަބުރަށް އުނިކަން ނާންނާނެ ފަދަ ޒިންމާދާރު ގޮތެއްގައިކަން މި ބިލުގެ މަޤްޞަދުތަކުން ފާހަގަކޮށްދެއެވެ.

