ރައީސް ޑރ. މުހައްމަދު މުއިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސެބަސްޓިއަން ޕިލޭއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫއެންއެފްސީސީސީ ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސީޝެލްސްއަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރައްވާފައިވެއެވެ.
ރާއްޖެ އާއި ސީޝެލްސް އަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ބޭނުންވާ އެހީތެރިކަން އިތުރުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ ދެ ޤައުމެވެ.
ކޮޕް ސަމިޓް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހަށް ތުރުކީވިލާތުގެ އަންތާލިޔާގަ އެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވާނެ ކަމަށެވެ. މީގެއިތުރުން، ސަމިޓުގެ ހަވާސާގައި ކުރިއަށްދާ މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިންނާއެކު ދޭދޭ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫއެންއެފްސީސީސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ މުހިންމު ސަމިޓެކެވެ.

