އަތޮޅުތަކުގެ ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށްޓަކައި ޚާއްޞަ އުޅަނދުތަކެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ނިޒާމުގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން، އެ ތަކެތި ކަނޑުމަގުން އުފުލުމަށް ޚާއްޞަކޮށް ޑިޒައިން ކުރެވިފައިވާ ތިން އުޅަނދެއް ބަންނަމުންދާ ކަމަށެވެ.
މީގެއިތުރުން އިންޑިއާގައި ބަނދެ ނިމިފައިވާ އުޅަނދު މިހާރު ރާއްޖެ ގެނައުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށްވެސް މުރުތަޟާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބަންނަމުންދާ ދެ ލޭންޑިންގ ކްރާފްޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމައި، އޮޕަރޭޝަނަށް ނެރެވޭނެ ކަމަށްވެސްވެސް މުރުތަޟާ ވިދާޅުވިއެވެ.
އޭގެ އެންމެ ފަހުގެ އިންސްޕެކްޝަނަށް ޓީމެއް މި ހަފްތާތެރޭގައި ފުރާނެ ކަމަށާއި ރާއްޖޭގައި 2 އުޅަނދު ބަންނަ ކަން ހާމަކުރައްވާ މުރުތަޟާ ވިދާޅުވީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ އުޅަނދުތައް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.
ސަރުކާރުގެ ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތު ބިނާވެފައިވަނީ "ގްރީން އިކޮނޮމީ" އާއި "ސާކިއުލަރ އިކޮނޮމީ" އަށް އަމާޒުކޮށް، ތިމާވެށްޓާއި އިންސާނުންގެ ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މައްޗަށެވެ. މި މަސައްކަތުގެ ދަށުން އަތޮޅުތަކާއި ސިޓީތަކުގައި ކުނި މެނޭޖްކުރާނެ ނިޒާމުތައް ޤާއިމުކުރުމާއި، ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތައްވެސް ދަނީ ހިންގަމުންނެވެ.
ކުނި މެނޭޖްކުރުމުގެ ދާއިރާއަކީ މިހާރު ޤާނޫނީ ގޮތުން ޔުޓިލިޓީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދާއިރާއެކެވެ. އެގޮތުން ކުނި މެނޭޖްކުރުމުގެ ޢާންމު ޤަވާއިދާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާބެހޭ ޤަވާއިދު ފަދަ މުހިންމު ޤަވާއިދުތައް އެކުލަވާލައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ތިމާވެށްޓާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.

