logo

ގަވާއިދާ ހިލާފަށް އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން ބުނީ އެއީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވާލާފައިވާ މީހުން ކަމަށެވެ.

އެ ވުޒާރާއިން ބުނީ 12،552 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަން އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

މީގެ އިތުރުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ މީހުންގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ ފަރާތްތަކާއި، އެނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ ފަރާތްތައް ހިމެނޭ އިރު، އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށް މައުލޫމާތުދެ އެވެ.

ރާއްޖޭގައިގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާތަނަށް އެއްކޮށްފައިވާ ކަމަށާއި، އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށްދާނެކަމަށް އެވުޒާރާއިން ބުނެއެވެ.

އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކަމަށެވެ.

ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

ad