logo

ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ މިލްކުވެރިކަމުގެ ހައްގެއް އޮންނާނެ ފަދަ އެއްބަސްވުމެއް އޮވެގެން ނުވާނެ: އެމްޑީޕީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

މުސްތަގުބަލުގައި ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެފަދަ ކަމެއް ކަމެއް އީގަލްހީލްސްގެ އެއްބަސްވުމުގައި އޮތް ނަމަ ސާފްކޮށްދޭން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީީީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ސަރުކާރުން އެތައް ހޭދައެއްކޮށްގެން މާލެއަތޮޅު ފުށިދިއްގަރުފަޅު ހިއްކައި، އެ ތަނުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދީގެން ހިންގުމަށް އެއްބަސްވެފައިވާ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީން ބުނީ ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި، އަދި އެ ފަރާތްތަކަކީ ދިވެހި ރާއްޖޭގެ ތަރައްގީގައި ނުހަނު މުހިންމު ބައެއްކަމުގައި ދެކޭ ކަމަށެވެ. ދިވެހިރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޕްރައިވެޓް ސެކްޓަރު ފުޅާކޮށް، މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމުގެ ގޮތުން ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް މި ޕާޓީން ތަރުހީބުދޭ ކަމަށެވެ.

އެހެން ނަމަވެސް، އަބޫދާބީގެ ކުންފުންޏެއް ކަމުގައިވާ އީގަލް ހިލްސްއަށް ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ހިންގާ މުއާމަލާތުގައި ސަރުކާރުން މިހައިތަނަށް އަމަލުކުރަމުންދާ ގޮތުން، ދެންނެވުނު މުއާމަލާތާ ގުޅިގެން އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ.

އެހެންކަމުން ރަސްމާލެ މުއާމަލާތާމެދު އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި، ސަރުކާރުން މިހައިތަނަށް ހާމަކޮށްފައިވާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް ހުރުމާއެކު، ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާކަމީ، ނުރައްކާތެރިކަމުގެ ނިޝާނެއް ކަމަށެވެ. ދިވެހިރާއްޖެއަށް އެހާމެބޮޑު ފައިދާއެއްވާން އޮތް ކަމެއްނަމަ، މި ކަމުގެ ތަފްސީލު ހާމަނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ލިޔުމުގައި ހިމަނައިފައިވާ ޝަރުތުތަކާއި އެންމެހައި ކަންކަން ދިވެހިރައްޔިތުންނަށް އަވަހަށް ހާމަކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. މި ގޮތުން، އެ އެއްބަސްވުން ދެމިގެންދާނެ މުއްދަތާއި، ދިވެހި ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، އުފުލަންޖެހޭ މާލީ އިލްތިޒާމުތަކާއި، ބޭރުގެ ފަރާތަށް ދޭ މާލީ ލުއިތަކާއި އިސްތިސްނާތަކާއި، އަދި އެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެންމެހައި ޒިންމާތައް ރައްޔިތުންނަށް ސާފުވާނެހެން، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވާ އެންމެހައި ކަންކަމުގެ ތަފްސީލުތައް ހާމަކުރުމަށެވެ.

މި މަޝްރޫއުގެ ދަށުން، ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށާއި، މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހިންގާ އެއްވެސް މުއާމަލާތެއްގެ ސަބަބުން، މުސްތަގުބަލުގައި ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެފަދަ އެއްވެސް ކަމެއްވެސް ހިމެނިފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވަލާފައެވެ.

ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކްވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެ ކަމަށާއި، އެ ކަމާމެދު ގޮތެއް ނިންމާނަމަ، އެކަން ނިންމަންވާނީ ސީދާ ދިވެހި ރައްޔިތުން ކަމަށެވެ.

ދިވެހިރާއްޖޭގެ ހަގީގީ ވެރިންނަކީ ދިވެހިރައްޔިތުންކަމަށްވީ ހިނދު، އަދި ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި، އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައިކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަނޑައަޅައިފައިވުމުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް މެދުވެރިކޮށް، ރައްޔިތުން އެ ކަމުގައި ދެކޭގޮތް ބެލުމަށްފަހުގައި ނޫނީ، ރައްޔިތުންގެ ނަމުގައި މި ދެންނެވި ފަދަ މުއާމަލާތްތަކަށް ނުވަނުމަށް އެި ޕާޓީން ވަނީ ތަކުރާރު ކޮށް އެދިފައެވެ.

ad