logo

ރަސްމާލެ މަޝްރޫޢުއިން މުޅި ޓުއަރިޒަމް އިން މިހާރު ލިބޭ ފައިދާއަށް ވުރެ ބޮޑު ފައިދާއެއް ލިބޭނެ: މެންބަރު އިބްރާހީމްދީދީ

މަރްޔަމް
5 ގަޑިއިރު ކުރިން
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ)

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ)

ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާއިން އަހަރަކަށް ލިބޭ އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ރަސްމާލެ މަޝްރޫޢުގެ ސަބަބުން ލިބޭނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއު ދިފާއު ކުރައްވައި އޭނަ ވިދާޅުވީ ރަސްމާލެ މަޝްރޫޢަށް އޭނާ ތާއީދުކުރައްވާ އެންމެ ބޮޑު އެއް ސަބަބަކީ، މިހާރު ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާއިން އަހަރަކަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ރަސްމާލެ މަޝްރޫޢުގެ ސަބަބުން ލިބޭނެތީ ކަމަށެވެ.

އައިބީ ވިދާޅުވީ ޔޫއޭއީގެ އީގަލް ހިލްސް އަށް ދީގެން ހިންގަން ހަމަޖެހިފައިވާ މަޝްރޫޢަކީ ރައްޔިތުންނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައި ކޮންމެހެން މުހިންމު، ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.

އޭނަ ވިދާޅުވީ ރަސްމާކެ މަޝްރޫޢުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެގެން ދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ދާއިރާގެ ތަޖުރިބާކާރުން ވެސް ފާހަގަކުރައްވާ ކަމަށެވެ. އެހެންވެ މި މަޝްރޫޢުއަކީ މުޅި ގައުމަށާއި ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

"ރަސްމާލޭ ޕްރޮޖެކްޓަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ދިވެހިންނަށް މުސްތަގުބަލެއް ގެނެސްދިނުމައްޓަކައި ވަރަށް ބޮޑު މުހިންމު ޕްރޮޖެކްޓެއް. މިހާރު ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާއިން އަހަރަކަށް ލިބޭ އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީއެއް ރަސްމާލެ މަޝްރޫޢުގެ ސަބަބުން ލިބިގެން ދާނެ،" އައިބީ ވިދާޅުވި އެވެ. އާމްދަނީ ދެގުނަ ވެގެންދާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވެސް އަދި ޕްރޮޖެކްޓުގެ އެކިއެކި މަޢުލޫމާތު އެއްކުރައްވާ ތަޖުރިބާކާރުން ވެސް ވިދާޅުވޭ."

ރަސްމާލެ މަޝްރޫޢާ ދެކޮޅު ހަދާ ފަރާތްތަކަށް ރައްދު ދެއްވައި އޭނަ ވިދާޅުވީ އެ ބޭފުޅުން ދައްކަވާ ވާހަކަތަކަކީ އެއްވެސް ވިސްނުމަކަށް އަދި ހަމައަކަށް ފެތޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އިދިކޮޅު ހުރިހާ ބޭފުޅުންނަކީ އެ މަޝްރޫޢާ ދެކޮޅު ބޭފުޅުން ނޫން ކަމަށާއި، އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ ތެރޭގައި ވެސް ޤައުމަށް ފައިދާހުރި މަޝްރޫޢެއްކަން ޤަބޫލުކުރައްވާ އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެބަތިއްބެވި ކަމަށް އައިބީ ވިދާޅުވި އެވެ.

ނަމަވެސް، ދެކޮޅުވެރިކަން ދައްކަވާ ބައެއް ބޭފުޅުންގެ ވާހަކަތަކާއި ޢަމަލުތައް ފުށުއަރާތީ، އެ ބޭފުޅުންގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ. އައިބީ ވިދާޅުވީ ކުރީގެ ހުރިހާ ސަރުކާރުތަކަކުންވެ ސް މިފަދަ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔާފައިވާ ކަމަށެވެ.

އޭގެ އެއް މިސާލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ އަތޮޅު އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ ”ކްރޮސްރޯޑްސް“ ކަމަށް ވިދާޅުވި އެވެ. އައިބީ ވިދާޅުވީ އެ މަޝްރޫއު ހިންގީ މުސްލިމް ނުވަތަ ދިވެހި އިންވެސްޓަރުން ނޫން ކަމަށާއި، ރާއްޖޭގައި މިހާތަނަށް އިންވެސްޓްމަންޓްތައް ގެނެސްފައި ވަނީ ވަކި ދީނަކަށް ނުވަތަ ވަކި ޤައުމަކަށް ބަލައިގެން ނޫން ކަމަށެވެ.

އޭނަ ވިދާޅުވީ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް އައްބާރްއާ ޒަޔަނިންޓުންނާ ގުޅުން އޮތަސް، އިޒްރާއީލުން މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން ރާއްޖޭގެ ރައްޔިތުން އެކަމާ ދެކޮޅު ކަމަށެވެ. އަދި މި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވެސް އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް ނިންމާފައި ވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

"[ރަސްމާލެ މަޝްރޫއުގެ ސަބަބުން] އިޒްރޭލުން ބަޔަކު އައިސް ރާއްޖޭގައި ވަޒަންވެރިވުމުގެ އެއްވެސް ޖާގައެއް ނެތް." އައިބީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި ވެސް ޣައިރު މުސްލިމުން އުޅެމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހިންގެ ޢަޤީދާއަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ރަސްމާލެ މަޝްރޫޢުގެ އިންވެސްޓަރަކީ ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރާ މުސްލިމެއް ކަމަށް ވިދާޅުވި އެވެ.

އަދި ބޭރުގެ އެކި ދީންތަކުގެ މީހުންނާ އެކު ދިވެހިންނާއި ދިވެހި ވިޔަފާރިވެރިން ވެސް ގުޅުން ބާއްވައި ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުން އަންނަ އިރު، އިންވެސްޓަރަކު އެހެން ދީންތަކުގެ މީހުންނާ ގުޅުން އޮތުމަކީ މައްސަލައަކަށް ހަދައިގެން ވާހަކަ ދެއްކުމުގެ ޖާގައެއް ވެސް ނެތް ކަމަށް އައިބީ ވިދާޅުވި އެވެ.

ad