logo

ރަސްމާލެ އެއްބަސްވުމުގެ މައްސަލަ ބޭރުކޮށްލި ނިންމުން މުރާޖައާކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

މަރްޔަމް
ދުވަހެއް ކުރިން

ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލޭން ބިން ދޭން އުޅެނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ އެ ކަން ހުއްޓުވަން ސުޕްރީމު ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް އެދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ހުޅުމާލޭގެ 500 ހެކަޓަރުގެ ބިން 99 އަހަރަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތް ނިންމުން މުރާޖާކޮށްދޭން އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށްހުށައަޅާފައި ވަނީ ޤާނޫނީ ވަކީލު، އަދި ކުރީގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިންއެވެ.

މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމުގައިވަނީ އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ކުއްޔަށް ދިނުމުގައި އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތްތަކަށް ޖެހިޖެހިގެން ހައްގުތައް ދެވޭ ގޮތަށް އޮތުމުން، ވަކި ނިމޭނެ ތާރީހެއް ނެތި ދާއިމީ ގޮތެއްގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ ހައްގުތައް ލިބިގެންދާން މަގުފަހިވާ ކަމަށް އަލީ ހުސެއިން ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުނި، އީގަލް ހިލްސް ކުންފުނިން ރަސްމާލޭގެ 500 ހެކްޓަރު ތަރައްގީ ކުރުމަށާއި ހުޅުމާލޭގައި 5،000 ފްލެޓު އެޅުމުގެ ބިޔަ މަޝްރޫއެއް ފަށަން އީގަލް ހިލްސްއާ އެކުގައި ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައި މިދިޔަ މަހު ވަނީ ސޮއިކޮށްފަ އެވެ. މިއީ ޑައުންޓައުން ދުބާއީ އާއި ބުރިޖް ޚަލީފާ ބިނާކުރުމުގެ މޭސްތިރިޔާ މުޙައްމަދު އަލްއައްބާރުގެ ކުންފުންޏެކެވެ. ޔޫއޭއީގެ ގިނަ އިމާރާތްތަކެއް ވެސް ބިނާކުރީ އަލްއައްބާރްގެ އެމާރް ޕްރޮޕަޓީސްގެ ފަރާތުންނެވެ.

ad