މި އަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާން މިއަދު ފަށާފައިވާއިރު، 8,000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މި އަހަރުގެ އޯލެވެލް އިމްތިހާން ފެށީ މިއަދު ހެނދުނު 9:30 ގައެވެ. މި އިމްތިހާނު މިއަދުން ފެށިގެން 12 ނޮވެމްބަރުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8،111 ދަރިވަރުން ބައިވެރިވާ އިރު އެޗްއެސްސީ އިމްތިޙާނުގައި 7،776 ދަރިވަރުން ބައިވެރިވެ އެވެ.
މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3،222 ދަރިވަރުން އަދި ރަށްރަށުގެ 242 ސެންޓަރުގައި 2،869 ދަރިވަރުން އިމްތިޙާނު ހަދާނެ އެވެ.
އެގޮތުން މިއަދު ފެށީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި ޕޭޕަރެވެ.
2023 ވަނަ އަހަރުގެ ޑިސެންބަރު މަހު އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ
މިގެ ކުރިން ވަނީ އަހަރުގެ މެދުތެރެއިން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ބަދަލުތަކެއް ވެސް ގެނެސްފައެވެ. ނަމަވެސް އެކަން އިސްލާޙުކޮށް، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ކިޔެވުން ފަށާ އެއަހަރުގެ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ދިމާވާގޮތަށް މިއަހަރުން ފެށިގެން ދިރާސީ އަހަރުގެ ކަލަންޑަރު ވަނި ބަދަލުކޮށްފައެވެ.
މި އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު އަދި ނޮވެމްބަރުގަ ކަމަށް ވަނީ ކަނޑައަޅާފައެވެ.

