ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވި އިރާ އަޅާބަލާއިރު ޑޮލަރުގެ ރޭޓު ދަށްވެފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ސަރުކާރާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ ބަނގުރޫޓުނުވެ ސަލާމަތްވެ، ރާއްޖޭގެ ސޮވްރިން ރޭޓިންގ ވަނީ އިމްޕްރޫވް ކުރެވިފައެވެ. އަދި މާކެޓުގައި ހުރި ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ ޓޫރިޒަމް ބުކިންގ ކޮންޑިޝަންސް ރަނގަޅުވަމުން އަންނަކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ބްލެކް މާކެޓަށް ވާގިވެރިވާ ގޮތަށާއި އާޓިފިޝަލީ އަގުތައް މެނިޕިއުލޭޓްކުރާ ނިޒާމު އެއްކޮށް އޯވަރހޯލް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާކެޓް މެނިޕިއުލޭޓް ކުރުމަކީ ދެކޮޅުޖެއްސޭނެ އަދި ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށްވެސް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

.jpg&w=256&q=75)
