logo

ފަހި ފްލެޓުތައް ކައިރީގައި 18 ބުރީގެ ކޮމާޝަލް އިމާރާތެއް އަޅަނީ

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ޓަވަރު 16 އާ އިންވެގެން އޮތް ބިމުގައި 18 ފަންގިފިލާގެ ކޮމާޝަލް އޮފީސް އިމާރާތެއް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފިއެވެ.

މި މަޝްރޫއާ ގުޅޭ މައުލޫމާތު އެ ކޯޕަރޭޝަނުން ހާމަކޮށްފައިވަނީ ''މަހޯލި'' ޕޯޓަލް މެދުވެރިކޮށް އާއްމު ފަރާތަކުން ހުށަހެޅި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެފްޑީސީން ބުނި ގޮތުގައި މި އިމާރާތަކީ އެ ކޯޕަރޭޝަންގެ ހެޑްކުއާޓާޒް ވެސް ހުންނާނެ ތަނެވެ. މި މަޝްރޫއާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، މިއީ އަމިއްލަ ޑިވެލޮޕަރަކު މުޅިން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި، މީގެ ސަބަބުން ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށެވެ.

އަމާން އުދަރެސް ޓަވަރު 16 ކައިރީގައި އޮތް މި ހުސް ބިމަކީ މިހާރު ވެސް އެ ސަރަހައްދުގެ ރައްޔިތުން ޕާކު ކުރުމަށް ބޭނުންކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ޕާކިންގެ ދަތިކަން ބޮޑުވަމުންދާތީ، މި މަޝްރޫއުގެ މައިގަނޑު އެއް މަގްސަދަކީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް އެފްޑީސީން ބުނެއެވެ.

ހަމްދާން އިތުރަށް ވިދާޅުވީ، އިމާރާތުގެ އަމަލީ މަސައްކަތް ފެށެންދެން މިހާރު ވެސް އެ ސަރަހައްދުގައި އުޅަނދުތައް ޕާކު ކުރަމުންދާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މި އިމާރާތް ނިމުމުން ޕާކިންގެ އިތުރުން އޮފީސް ޖާގައާއި ވިޔަފާރިތަކަށް ހާއްސަ ޔުނިޓްތައް ލިބިގެންދާނެއެވެ. މީގެ ސަބަބުން މަގުމަތީގެ ތޮއްޖެހުން ކުޑަވެ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.

ad