މިދިޔަމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު ދެގުނަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މިދިޔަ ޖޫން މަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެމަހުގެ ތެރޭގައި މުދަލު ޒަކާތުގެގޮތުގައިވަނީ 21.2 މިލިޔަން ރުފިޔާ ލިބިފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 10.6 މިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު، %100 އިތުރު އަދަދެކެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ވަނީ 79.6 މިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 61.5 މިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ %29 އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. ނިމިދިޔަ 2023 ވަނަ އަހަރުގެ ޖޫން މަހު ލިބިފައިވަނީ 10.6 މިލިއަން ރުފިޔާ ކަމަށްވާއިރު، މިއީ 100 އިންސައްތައިގެ އިތުރުވުމެކެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެގޮތުން މިދިޔަ އެޕްރީލް މަހުގެ 21ވަނަ ދުވަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ ރިހީގެ ގުރާމަކަށް 36.70 ރޭޓުން 595 ގުރާމަށްވާ 21،836.50 ކަމުގައި ކަނޑައަޅާފައެވެ.
މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ބަލާ ރަނާއި ރިހީގެ އަގުތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ އަގުތަކެކެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ޒަކާތުގެ ނިސާބަށް ވެސް ބަދަލުތައް ގެނެވެއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ މީރާ މެދުވެރިކޮށެވެ. މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، އެ ވަގުތަކު އޮންނަ ނިސާބުގެ މިންވަރު ވެސް މީރާގެ ވެބްސައިޓުން ބަލާލެވޭނެއެވެ.

