logo

އާބާދީއާ ގުޅޭ މައުލޫމާތު ފަސޭހައިން ބަލާލެވޭ ޕޯޓަލްއެއް

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ރާއްޖޭގެ އިޤްތިސާދާއި އާބާދީއާއި ގުޅޭ މަޢުލޫމާތު ފަސޭހައިން ބަލާލެވޭނެ އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ ޕޯޓަލްއެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ތަޢާރަފްކޮށްފިއެވެ.

މި ޕްލެޓްފޯމް އިފްތިތާޙުކޮށްފައިވަނީ، ރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު ވުޖޫދަށް އައިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައެވެ. މި ޕޯޓަލްއަކީ ރާއްޖޭގެ އިޤްތިޞާދާއި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ތައާރަފުކުރި ވަސީލަތެކެވެ. މީގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަނާއި، އިޤްތިޞާދީ ކުރިއެރުމާއި، އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ މައުލޫމާތާއި، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ކަމަށްވާ ޖީޑީޕީގެ ތަފާސްހިސާބުތަކުގެ އިތުރުން އާބާދީގެ ލަފާކުރުންތަކާ ގުޅޭ މައުލޫމާތު ހޯދޭނެއެވެ. އަދި މި ޕްލެޓްފޯމަކީ ބޭނުންކުރާ ފަރާތްތަކަށް ސުވާލުކޮށް، ޖަވާބުދީ ނުވަތަ އަމަލީގޮތުން ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ޕޯޓަލްއެކެވެ.

ތަފާސްހިސާބުގެ ޤާނޫނުގެ ސަބަބުން ޤައުމުގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމާއި، ކޮންޓްރޯލް ކުރުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމާ ބެހޭ ޤާނޫނީ އަދި މުއައްސަސާގެ އޮނިގަނޑު ވަނީ ވަރުގަދަވެފައެވެ. މީގެ ސަބަބުން މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކަށް އިތުބާރު ހުރި ރަސްމީ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގަމުންދަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުންނެވެ. އެ ބިއުރޯގެ އެންމެ އިސްވެރިއެއްގެ ގޮތުން ޗީފް ސްޓެޓިސްޓިޝަން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ad