ހުއްދަ ނެތި ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގެ ގަރާޖަށް ވަތް މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރި 31 އަހަރުގެ އެ ފިރިހެން މީހާ، ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްގެ ވެހިކަލް ގަރާޖަށް ހުއްދަނެތި ވަދެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޭނާގެ ބަންދު އަމުރުގައިވެއެވެ. އެ އަމުރުގައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި ސީސީޓީވީ ފުޓެޖް ސްނެޕްޝޮޓްތައް ލިބިފައިވާ ކަމަށް އަމުރުގައިވެއެވެ. އޭނާއަކީ ހައްޔަރާއި ބަންދު ރެކޯޑް އޮތް މީހެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އެ މީހާ ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ނުކުރާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޓަކައި، އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އެމީހާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އެގޮތުން ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހާއްސަ ރިޕޯޓާއި ހާދިސާ ހިނގި ސަރަހައްދުން ނެގިފައިވާ ސީސީޓީވީ ފުޓޭޖްތަކުގެ ސްނެޕްޝޮޓްތަކާއި ހައްޔަރާއި ބަންދުލޮގް ހުށަހަޅާފައިވެއެވެ.

