logo

ގެއްލުނު މީހުން ހޯދަން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

އާމިނަތު މޫސާ
ދުވަހެއް ކުރިން

ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފިއެވެ.

އެމްއެންޑީއެފުން ބުނީ އޮޔާހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި، ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި، ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ބަލާފައިވާކަމަށެވެ. އަދި މި އޮޕަރޭޝަންގައި ގެއްލިފައިވާ މީހުން ހޯދުމަށް މޯލްޑިވިއަން އެއާ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ 2 ޑްރޯންސް ބޭނުންކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ޓީބީ 2 ޑްރޯންސްއަކީ އިންފްރާރެޑް ސެންސާސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަހައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންސްތަކެކެވެ. މީގެއިތުރުން އޮސްޓްރޭލިޔާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި ކަނޑުމަގުން މަސައްކަތް ކުރެވިފަައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދިވެހި ސަރުކާރުގެ އެދުމަށް އެމެރިކާ ސަރުކާރުން ވަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެމެރިކާ ނޭވީގެ ޕީ 8 މަތިންދާބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަހައްދު މަތިން ވަނީ ބަލާފައެވެ. މިއީ ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އަދި ސާވެއިލަންސަށް ބޭނުންކުރާ ހާއްސަ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުން ވަނީ 6300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައެވެ.

އެމްއެންޑީއެފުން ބުނީ ދޯނި އަޑިޔަށްދިޔަ ވަގުތު ލޭންޑިން ކްރާފްޓަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް، ދޯންޏާ ވަރަށް ކައިރީގައި އޮތުމާ އެކު ދޯނިން ފުންމާލި މީހުންނާއި ދޯނި ބަންޑުންޖަހާލި ވަގުތު ދޯނިން ނިކުމެވުނު މީހުން ވަނީ ސަލާމަތްކުރެވިފައިކަމަށެވެ. ދޯނި ބަންޑުންޖަހާލައި އަޑިޔަށް ގޮސްފައިވަނީ ހުވަދޫ ކަނޑުގެ ތެރެއަށްކަމަށް ވާތީއާއި މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ދޯނި ފެތިފައިވާ ސަރަހައްދު 1،600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭއިރު މިއީ އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ނޫނެވެ. އަދި އަދި މިއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިންވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

މި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ad