logo

މިދިޔަ ހަފްތާގައި ސްކޭމްގެ 39 މައްސަލައެއް، ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނު

އާމިނަތު މޫސާ
ދުވަހެއް ކުރިން

މިދިޔަ ހަފްތާގެ ތެރޭގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 39 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި އާންމުންގެ އަތުން 457,776.96 ރުފިޔާ ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ހިނގާ މަހުގެ 16 އިން 22 ގެ ނިޔަލަށް ހުށަހެޅުނު މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 222,755.20 ރުފިޔާ (48.66 އިންސައްތަ) ވަނީ ކަމާ ގުޅުންހުރި އިދާރާތަކާއި ބޭންކުތަކާ ގުޅިގެން ކުރި މަސައްކަތުން އަނބުރާ ހޯދާފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 5 ސްކޭމްގެ މައްސަލައެވެ.ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ނަމުގައި ހިންގާ އީ-ކޮމާސް ސްކޭމްތަކެވެ.

މިފަދަ 13 މައްސަލައެއް ހުށަހެޅިފައިވާއިރު، މީގެ ތެރެއިން 95 އިންސައްތަ ސްކޭމް ހިންގާފައިވަނީ ސީދާ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށެވެ.ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގި 10 މައްސަލައަކާއި، ދަންނަ މީހުންގެ ނަމުގައި މެސެޖުކޮށް ގުޅައިގެން ފައިސާ ހޯދި 5 މައްސަލައެކެވެ.

މީގެ އިތުރުން ބުކިންގ ކެންސަލް އަދި ރިފަންޑާ ގުޅުވައިގެން ހިންގި 4 މައްސަލައަކާއި، ކުރު މުއްދަތެއްގައި ބޮޑު ފައިދާ ދޭނެ ކަމަށް ބުނެ ހިންގި އިންވެސްޓްމަންޓް 2 ސްކޭމެއްގެ އިތުރުން އެހެނިހެން ގޮތްގޮތަށް ހިންގި 5 މައްސަލައެއް ހިމެނެއެވެ.މިފަދަ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް ވިޔަފާރި ކުރުމުގައި މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލައި ފައިސާ ނުފޮނުވައި "ކޭޝް އޮން ޑެލިވަރީ" އުސޫލު އިޚްތިޔާރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހަމައެއާއެކު، ބޭރު ފައިސާ މާރުކުރުމުގައި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ނުކޮށް، ހުއްދަ އޮންނަ މަނީ އެކްސްޗޭންޖުތަކާއި ބޭންކުތައް މެދުވެރިކޮށް މުއާމަލާތް ކުރުމަށާއި، ދަންނަ މީހެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖު ލިބުނު ކަމުގައި ވިޔަސް ފައިސާ ފޮނުވުމުގެ ކުރިން އެ މީހަކަށް ގުޅައި ޔަގީން ކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންނަށް ހަނދާންކޮށްދީފައެވެ.

ad