logo

މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ: ރައީސް

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ. ގެ ޕަބްލިކް ސާވިސް ދުވާހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕަބްލިކް ސަރވަންޓުން ނުވަތަ ދައުލަތުގެ ހިދުމަތްތެރިންނަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މުޖްތަމައުގެ ކުރިއެރުމަށާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި މިއަދު އދގެ ޕަބްލިކް ސަރވިސް ޑޭ ފާހަގަކުރާއިރު، ދައުލަތުގެ ޚިދުމަތްތެރިން ސާބިތުކަމާއެކު ކޮށްދެއްވާ މިންނަތް މަސައްކަތުގެ އަގު ވަޒަންކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މުޖުތަމަޢުތައް ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މުޖުތަމަޢުތައް ކުރިއަރުވަން ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ދައުލަތުގެ ޚިދުމަތްތެރިންގެ ހިތްވަރުގަދަ މަސައްކަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި އާންމުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ފަރާތްތަކަށާއި ފަސްޖެހުމެއްނެތި ދެމުންދާ ޚިދުމަތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ވަނީ، ނަޒާހަތްތެރިކަމާއި، ފަންނީ ހުނަރުވެރިކަމާ އަދި ފުރިހަމަކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ އާންމު ޚިދުމަތްތެރިންނަށް އެއްބާރުލުން ދީ، ދަޢުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން، ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައެވެ.

އދ.ގެ ޕަބްލިކް ސާވިސް ޑޭ ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ޕަބްލިކް ސާވަންޓުން ކުރައްވާ މަސައްކަތް ދެނެގަނެ، އެމީހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރުމަށެވެ.

ad