ފަލަސްތީނުގެ މިނިވަން ދައުލަތުގެ މައްސަލާގައި ބާއްވާ އދގެ ޚާއްސަ އިވެންޓް، ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި މިރޭގެ ވަގުތެއްގައި އޮންނާނެއެވެ.
މިއީ، ސައުދީ އަރަބިއްޔާއާއި ފަރަންސޭސިވިލާތުން އިސް ނަގައިގެން ބާއްވާ އިވެންޓެކެވެ.
މި ޚާއްސަ އިވެންޓްގެ މަގްސަދަކީ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް "ދެ ދައުލަތުގެ ހައްލު" ދިރުވަން މަސައްކަތް ކުރުމެވެ.
މި އިވެންޓުގެ ތެރޭގައި، ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތްކަން އިތުރު ގައުމުތަކުގެ ރަސްމީކޮށް އިއުލާން ކުރާނެއެވެ. އޭގެ ތެރޭގައި، ފަރަންސޭސިވިލާތް، އެންޑޯރާ، ބެލްޖިއަމް، ލަގްޒަމްބާރގް، މޯލްޓާ އަދި ސަން މަރީނޯ ހިމެނެއެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތް، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާއިން ބަލައިގަނެ، އިއްޔެވަނީ ރަސްމީކޮށް އެކަން އިއުލާން ކޮށްފައެވެ.
ފަލަސްތީނުގެ ދައުލަތް އިތުރު ގައުމުތަކުން ބަލައިގަތުމުގެ މަސައްކަތް އިތުރުވެގެން މިދިޔައީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.
ޣައްޒާގެ ނަސްލުނައްތާލަމުން ގެންދިއުމާއި، ޣައްޒާގެ އާންމުން ބަނޑަށްޖެއްސުމާއި، ގަތަރަށް ހަމަލާދިނުމާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް އިތުރުކުރަމުން ގެންދިއުންވެސް، މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
އދގައި މިރޭ ބާއްވާ ޚާއްސަ އިވެންޓް، އެމެރިކާއާއި އިސްރާއީލުންވަނީ ބޮއިކޮޓް ކޮށްފައެވެ.
އދގައި ހުންނަ އިސްރާއީލު އެމްބަސެޑަރު ބުނެފައިވަނީ، މިއީ، "ޓެރަރިސްޓުންނަށް" އިނާމު ދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މުޖުރިމު ނަތަންޔާހޫވެސް ބުނެފައިވަނީ، ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމަކީ ހަމާސްއަށް ހިތްވަރު ދިނުން ކަމަށެވެ.
ހަމަ އެއާއެކު، ފަލަސްތީނު ދައުލަތް ބަލައިގަންނަ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު، އިސްރާއީލުގެ އިތުރުން، އެމެރިކާއިންވެސް ދީފައި ވެއެވެ.