logo

"ވަރަ އެކްސްޕޯ 2026" މާދަމާ ފަށަނީ

މަޒީ
4 ގަޑިއިރު ކުރިން

ވަޒީފާއާއި ހުނަރުގެ އެންމެ ބިޔަ ހަރަކާތުގެ ގޮތުގައި ރާއްޖޭގައި ބާއްވާ "ވަރަ އެކްސްޕޯ 2026" ބޮޑެތި ޕާޓްނަރުންނާއެކު މާދަމާ ފަށާނެއެވެ.

މި އެކްސްޕޯއަކީ ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ އެކްސްޕޯއެކެވެ.

މިއެކްސްޕޯ އޮންނާނި މިމަހުގެ 26އިން 28އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި އެކްސްޕޯ ވާނީ ތަޢުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އައު ފުރުޞަތުތައް ހޯދަން އެދޭ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތާއި މަގުދެއްކުން ލިބޭނެ މުހިންމު ފުރުސަތަކަށެވެ.

މިއީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެެވެ.

މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުޞަތު ތަނަވަސްވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ޖުމްލަ 158 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ މި އެކްސްޕޯ ބަހާލާފައިވަނީ މައިގަނޑު 4 ޒޯނަކަށެވެ. އެއީ 34 ބައިވެރިންނާއެކު ކެރިއަރ ޒޯން، 32 ބައިވެރިންނާއެކު އެޑިއުކޭޝަން ޒޯން، 19 ބައިވެރިންނާއެކު ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން، އަދި 73 ބައިވެރިންނާއެކު މާކެޓް ޒޯނެވެ.

މި އެކްސްޕޯއާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް އެކްސްޕޯގެ ރަސްމީ ވެބްސައިޓް އިން ލިބޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ad