ދިވެހިރާއްޖޭގައި ހިންގާ ރިއަލްއެސްޓޭޓް ވިޔަފާރިތައް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރެގިއުލޭޓުކޮށް ބެލެހެއްޓުމަށް ޓަކައި ހާއްސަ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލުގައިވާ ގޮތުން ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ވިޔަފާރި ހިންގާ އެެއްވެސް ޒޯންއަކުން އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ޕްރޮޕަޓީއެއް ނުގަނެވޭނެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވައިދެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާނެވެ.
މި ބިލަކީ ރާއްޖޭގައި ރިއަލްއެސްޓޭޓް ދާއިރާ ތަރައްގީކޮށް، އެ ދާއިރާގައި ހިމެނޭ އެންމެހައި މުއާމަލާތްތަކާއި އިޖުރާއާތުތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމަށް ޓަކައި އެކުލަވައިލާފައިވާ ބިލެކެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރިއަލްއެސްޓޭޓް ވިޔަފާރިއާ ގުޅޭ މައިގަނޑު ސިޔާސަތުތައް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ ސިޔާސަތުތަކާ އެއްގޮތަށް ދާއިރާގެ އެންމެހައި ކަންކަން ރާވައި، ހިންގައި، ބެލެހެއްޓުމަށް ޓަކައި ”ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ“ގެ ނަމުގައި ވަކި ހާއްސަ އިދާރާއެއް އުފައްދަންޖެހެއެވެ.
މި އޮތޯރިޓީގެ މައިގަނޑު މަސްއޫލިއަތު ތަކުގެ ތެރޭގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު، ޕްރޮޕަޓީ ޑިވެލޮޕްކުރާ ފަރާތްތަކާއި، ބްރޯކަރުން އަދި ރިއަލްއެސްޓޭޓް އެޖެންޓުންނަށް ލައިސެންސް ދޫކުރުމާއި، ރިއަލްއެސްޓޭޓް މަޝްރޫއުތައް ރަޖިސްޓްރީކޮށް، އެ މަޝްރޫއުތަކަށް ބޭނުންވާ ހުއްދަތައް ދޫކުރުން. އަދި ރިއަލްއެސްޓޭޓް ދާއިރާގައި އެކި ފަރާތްތަކުގެ ބައިވެރިވުން އޮންނަ މިންވަރު ދިރާސާކުރުމުގެ އިތުރުން މުދަލުގެ ރަޖިސްޓްރީ ދޫކުރުމާއި، ގައުމީ ފެންވަރުގައި މުދަލުގެ ދަފުތަރެއް އެކުލަވައިލައި ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ރަޖިސްޓްރީގައި ހިމެނޭ ބިންތަކާއި ޕްރޮޕަޓީތަކުގެ މައުލޫމާތު އަދާހަމަކުރުމާއި، ރަޖިސްޓްރީ ދޫކުރުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ކަށަވަރުކުރުން މި އޮތޯރިޓީގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނެއެވެ.
އޭގެ އިތުރުން ޕްރޮޕަޓީތައް ޑިވެލޮޕްކުރުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ މާލީ އަދި އިދާރީ އުސޫލުތައްވެސް މި ބިލުގައި ވަރަށް ތަފުސީލުކޮށް ވަނީ ހިމަނައިފައެވެ. އަދި މި ބިލުގެ ދަށުން ބޮޑެތި އިންވެސްޓްމަންޓްތަކަށް ހާއްސަކޮށްގެން އިންޓަގްރޭޓެޑް ރިއަލްއެސްޓޭޓް ޒޯނުތައް ކަނޑައަޅައި ކުއްޔަށް ދޫކުރުމުގެ އުސޫލުތަކާއި ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ.
މި ބިލުގައި ރާއްޖޭގައި ތަރައްގީކުރާ އެއްވެސް ރިއަލްއެސްޓޭޓް ޒޯނެއްގައި އިސްލާމްދީނުގެ އަސްލުތަކާ އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު އެއްވެސް އަމަލެއް ނުވަތަ ހަރަކާތެއް ހިންގުމުގެ އެއްވެސް ހުއްދައެއް ނޯންނާނެ ކަން ބަޔާން ކޮށްފައިވެއެވެ.

.jpg&w=3840&q=75)