އެކައުންޓިންގ އަދި މާލީ ދާއިރާގެ 400 އަށްވުރެ ގިނަ ބައިވެރިންނާއެކު "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) 2026" ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓެލްގައި ފަށައިފިއެވެ.
މިއީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވަމުން އަންނަ ބޮޑު ފޯރަމެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމުގައި އެކައުންޓެންޓުންނާއި އޮޑިޓަރުންގެ އިތުރުން މާލީ އަދި ވިޔަފާރީގެ ދާއިރާގެ އިސް ބޭފުޅުންނާއި ސިޔާސަތު އެކަށައަޅާ ފަރާތްތަކުން ބައިވެރިވެއެވެ.
"ނެވިގޭޓިންގ ޗޭންޖް، ބިލްޑިންގ ރެޒިލިއެންސް" މި ޝިއާރުގެ ދަށުންނެވެ ކުރިޔަށް ގެންދާ މި ފޯރަމްގެ މައިގަނޑު މަޤުޞަދަކީ ކުންފުނިތަކާއި މުއައްސަސާތަކުގެ މާލީ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީވުން އިތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް ކުރިމަގުގެ ހަމަޖެހުމާއި ކުރިއެރުމަށް މަގުފަހިކުރުމެވެ.
ފޯރަމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ ވިދާޅުވީ، މިއީ މިހާރު ހަމައެކަނި އެކައުންޓަންޓުން އެއްވާ އެއްވުމެއް ނޫން ކަމަށާއި، މާލީ މާހިރުންނާއި ވިޔަފާރިވެރިންނާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުންގެ އިތުރުން އިންވެސްޓަރުންނާއި ތަޢުލީމީ ދާއިރާގެ ބޭފުޅުން ހިމެނޭހެން މިއީ ޤައުމީ ފެންވަރުގެ ފުޅާ ޕްލެޓްފޯމަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި އިޤުތިޞާދީ މައްސަލަތަކާ މެދު ބަހުސްކުރާ ސަބަބު ބަޔާންކުރައްވަމުން ޙަލީމް ވިދާޅުވީ، އައިއެފްއާރްއެސް، އައިއެސްއޭ އަދި ޓެކްސް ފަދަ ޓެކްނިކަލް ދާއިރާތަކަށް ޚާއްޞަކޮށްގެން ސީއޭ މޯލްޑިވްސްއިން ވަކިން ޓެކްނިކަލް ފޯރަމްތަކާއި ސީޕީޑީ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ.
މި ފޯރަމްގައި މާލީ ދާއިރާއާ ގުޅުންހުރި މުހިންމު 12 މައުޟޫޢަކަށް ޕްރެޒެންޓޭޝަންތަކާއި، ކީ ނޯޓް ސްޕީޗް އަދި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ރާއްޖެއަށް ލިބޭ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުގެ އިޤުތިޞާދީ ނަތީޖާއާއި، ދައުލަތުގެ ދަރަންޏާއި ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ އިތުރުން ސްރީލަންކާގެ އިޤުތިޞާދީ ކާރިސާއިން ލިބިގަނެވޭނެ ފިލާވަޅުތައް ހިމެނެއެވެ. އަދި ރަސްމާލޭގައި ތަރައްޤީކުރާ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫޢުގެ ކޭސް ސްޓަޑީއެއްވެސް ހިމަނާފައިވެއެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި މާލީ ރިޕޯޓިންގ ތައްޔާރުކުރުމަށް އައިއެފްއާރްއެސް އެސް1 އަދި އެސް2 ތަންފީޒުކުރުމާއި، ސައިބަރ ރިސްކުތަކުން ރައްކާތެރިވުމާއި، ފިންޓެކް އަދި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ހުރި ހުރަސްތަކާ ގުޅޭގޮތުންވެސް ފޯރަމްގައި މަޝްވަރާކުރާނެއެވެ. ހަމައެއާއެކު ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ދައުރާއި، އިންޓަރނަލް އޮޑިޓް ޒަމާނީ ކުރުމާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ ގުޅޭ އައު ރިޕޯޓިންގ އިލްތިޒާމްތަކުގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ މޯޓިވޭޝަނަލް ސެޝަނެއްވެސް މި ފޯރަމްގައި ކުރިއަށްދާނެއެވެ.

